ހަނުހުރުމުގެ އިމަކީ ތިބާއާ ބެހޭ ކަންކަމުގައި ރިވެތި ބަހުން ބަސްބުނުންކަމަށާއ، ހިފެހެއްޓުމެއްނެތް ދުލަކީ ޝައިޠާނާގެ އަތަށް ދޫކޮށްލެވޭ ވައުގަނޑެއްކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު ދެއްވި ހުތުބާގެ މަޢުލޫއަކީ "ހަނުހުރުމުގެ އަޚުލާޤު" އެވެ.

Ad
rt

މިހުތުބާގައި ބުނެފައިވަނީ، ތިބާ މިއަދު ބުނާ ކޮންމެ ކަލިމައަކާ ބެހޭ ގޮތުން ޤިޔާމަތްދުވަހުން ތިބާއާ ސުވާލުކުރެވޭނެކަމަށާއި ވާހަކަދައްކަންވާނީ މި ކަމަށް ސަމާލުވެގެންކަމުގަ އެވެ.

"ހިފެހެއްޓުމެއްނެތް ދުލަކީ ޝައިޠާނާގެ އަތަށް ދޫކޮށްލެވޭ ވައުގަނޑެކެވެ. ފަހެ އޭނާ ބާޠިލު ވާހަކަތަކާ ދުރުހެލިވެ ހުރެއްޖެ ނަމަ، އޭނާ ވާނީ ސުވަރުގޭގެ އަހުލުވެރިއަކަށެވެ. އޭނާ ބާޠިލުވާހަކަދައްކަން ފަށައިފި ނަމަ ޝައިޠާނާ އޭނާ އަތްއަތަށް ދަމާން ފަށައިފާނެތެވެ. އެކަލޭގެ އެދޭގޮތަށް އެދޭ ކޮންމެ ވަގުތަކު އޭނާ އަނބުރައިލައިފާނެއެވެ. އިންސާނާއަށް އޭނާގެ ބަސްތައް ކޮންޓުރޯލުނުކުރެވިއްޖެ ނަމަ އޭނާއަކީ އަނގަ ހުތުރު، ހިތް ފަސާދަވެފައިވާ މީހަކަށް ވެދާނެއެވެ."

ހުތުބާގައި ބުނެފައިވެއެވެ.

މިހެންވެ ކައުރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވައިފައި ވެއެވެ.

(لَا يَسْتَقيْمُ إِيـْمَانُ عَبْدٍ حَتَّى يَسْتَقِيْمَ قَلْبُهُ، وَلَا يَسْتَقِيْمُ قَلْبُهُ حَتَّى يَسْتَقِيْمَ لِسَانُهُ)

މާނައީ: "ހިތް ސީދާވެއްޖައުމަށް ދާންދެން އެއްވެސް އަޅެއްގެ އީމާންކަން ސީދާނުވާނެތެވެ. އަދި އޭނާގެ ދޫ ސީދާވެއްޖައުމަށް ދާންދެން އޭނާގެ ހިތް ސީދާނުވާނެތެވެ."

އިންސާނާ ވަޒަން ކުރެވޭނީ އޭނާގެ ދުލުން ބުނާ ބަސްތަކުންކަމަށާއި އޭނާ ހަނުހުރެއްޖެ ނަމަ އޭނާއާ މެދު، ނިޔާއެއް ކަނޑައަޅާކަށް ނޭނގޭނެކަމަށާއި އޭނާ ވަހަކަދައްކައިފި ނަމަ، އޭނާގެ ޝަޚްޞިއްޔަތު ފާޅުވާނެކަމަށާއި ހަރުދަނާކަމާއި ދޯހަޅިކަން ފެނިދާނެކަމަށް ބުނެފައިވެއެވެ.

"އާދަމުގެދަރިޔާ ހެނދުނު ހޭލާ އިރަށް އޭނާގެ ގުނަވަންތައް އާދޭހާއެކު ބުނާނެތެވެ. އަހަރެމެންގެ ޙައްޤުގައި، ތިބާ މާތް ﷲއަށް ބިރުވެތިވާށެވެ! ފަހެ އަހަރެމެންނަކީ ތިބާގެ ސަބަބުން ޖަޒާ ލިބޭނެ ބައެކެވެ. ތިބާ ސީދާވެގެންފި ނަމަ އަހަރެމެންނަށް ސީދާކަން ލިބޭނެތެވެ. ތިބާ ކަސިޔާރުވެއްޖެ ނަމަ، އަހަރެމެން ވެސް ކަސިޔާރުވެދާނެތެވެ."

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ.

މުއުމިނާއަކީ އޭނާގެ ދޫ ހެޔޮކަމުގެ ވަސީލަތެއްކަމުގައި ހަދައި އެއިން ފަނާނުކޮށް އާރާސްތުކުރާ މީހެއްކަމަށާއި އެއިން މީސްތަކުން ބައިބައިނުކޮށް އެކުވެރިކުރާ މީހެއްކަމުގައި ހުތުބާގައި ބުނެފައިވެއެވެ.

"މާތް ﷲއަށް تَقْوَىވެރިވާށެވެ! ހަނުހުރުމުގެ ޚުލްޤުން ޒީނަތްތެރިވާށެވެ! ބޭނުންވާ މިންވަރަށް ވާހަކަދައްކާށެވެ!"

ހުތުބާގައި ގޮވާލާފައިވެއެވެ.

މީގެ އިތުރުން، މި ޒަމާނުގެ މީސްމީޑިޔާތަކުގެ މަންސަތަކަށް ވަދެ ވަގުތުތައް ބޭކާރު ގޮތުގައި ހޭދަނުކުރުރުމަށާއި ވަގުތަކީ މާތް ﷲ ދެއްވި ނިޢުމަތެކަމަށާއި މި ނިޢުމަތާމެދު ޣާފިލުވާ މީހުން ވަރަށް ގިނަކަން ފާހަގަ ކުރިއެވެ. އަދި މި ނިޢުމަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އަޒުމުކަނޑައެޅުމަށްވެސް ވަނީ ގޮވާލާފަ އެވެ.

ދުނިޔެއާއި އާޚިރަތުގައި ނަޖާވުމުގެ ވަސީލަތަކީ ދޫ ރައްކައުތެރިކުރުމާއި ހަނުހުރުންކަމުގައި ބުނެފައިވެއެވެ.