ރާއްޖެއަށް ޑިިޖިޓަލް ކަރަންސީ ތައާރަފްކުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ގަވަރުނަރަށް ދަންނަވާފައިވާނެކަމަށާއި، އެމްއެމްއޭއިން އެމަސައްކަތް މިހާރު ފަށާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އިއްޔެ ވާހަކަފުޅުދައްކަވަމުންނެވެ.

Ad
rt

މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ، ރާއްޖޭގެ އިޤްތިޞާދުގައި ޑިޖިޓަލް އިކޮނޮމީ ފުޅާކުރުމަށްޓަކައި، އެމަނިކުފާނު ޔޫ.އެން.ގައި ވާހަކަ ދެއްކިއިރު 2030އާ ހަމައަށް ދާންވާއިރަށް ރާއްޖޭގެ އިޤްތިޞާދުގެ 15 ޕަސެންޓަކީ، ޖީ.ޑީ.ޕީ.ގެ 15 ޕަސެންޓް ޑިޖިޓަލް އިކޮނޮމީން ކޮންޓްރިބިއުޓް ކޮށްދޭ އިކޮނޮމީއަކަށް ހަދަން ބޭނުންވާކަމަށް ޢިއުލާންކުރެއްވިކަން ފާހަަގަކުރަށްވާފައެވެ.

''އަޅުގަނޑު މިހާރު އެމް.އެމް.އޭ. ގަވަރުނަރަށް ދަންނަވާފައިވާނެ، ޑިޖިޓަލް ކަރެންސީ ރާއްޖެއަށް ތަޢާރުފު ކުރުމަށް. ކްރިޕްޓޯ ކަރެންސީ ރާއްޖެއަށް ތަޢާރުފުކުރުމަށްޓަކައި، މަސައްކަތްތައް ފަށަން. އެ މަސައްކަތާ ގުޅޭ ޢަމަލީ މަސައްކަތްތަކުގައި، މިހާރު އެމް.އެމް.އޭ.ގެ ގަވަރުނަރު މަސައްކަތް ފަށްޓަވައިފި.'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކްރިޕްޓޯ ކަރެންސީ، ޑިޖިޓަލް ކަރެންސީ ރާއްޖެއަށް ގެނައުމުގައި ޤާނޫނީ ހުރިހާ ކަންތައްތަކަކަށް ވެސް ފަރުވާ ލިބޭގޮތަށް ޚާއްޞަ ޤާނޫނު ހަދައި، އަދިވެސް ދެން ހުންނަ އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ މިންގަނޑުތަކާ އެއްގޮތަށް، ރާއްޖޭގައި ޑިޖިޓަލް ކަރެންސީ ފުޅާކުރުމަށް އެމްއެމްއޭއިން މިހާރު ތައްޔާރުވަމުން އަންނަކަމަށެވެ.

މި ކަންކަމަކީ، ކިޔަވައިގެން ނުކުންނަ ކުދިންނާއ ޒުވާނުން އަދި އެކިއެކި ފަންނުވެރިން ރާއްޖޭގެ އިޤްތިޞާދުގައި ޙަރަކާތްތެރިވުމުގައި ހުރި ފުރުޞަތުތައްކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

''އިރާދަކުރެއްވިއްޔާ، ކުރިޔަށް އޮތްތާނގައި، ޑިޖިޓަލައިޒޭޝަންގެ ތެރެއިން، އާރޓިފިޝަލް އިންޓެލިޖަންސްގެ ތެރެއިން، އަޅުގަނޑުމެންގެ ޤައުމު ވެގެންދާނީ، ދުނިޔޭގެ މައިދާނުގައި އަދި އަމުދުން މިކަހަލަ ކުޑަ ޤައުމަކަށް ބަލާއިރު، އެންމެ ކުރީ ސަފުގައި ވަރަށް ބޮޑަށް ލީޑްކުރާ ޤައުމަކަށް. އެއީ، އަޅުގަނޑުމެންގެ އެމްބިޝަން، ނަތީޖާ. އަޅުގަނޑަށް މުހިންމީ ނަތީޖާ.'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިއަދާއި ހަމައަށް ވެސް އެމަނިކުފާނު ވަޑައިގަތީ ނަތީޖާ ހާސިލުކުރުމުގައި، ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމުގެ ޢަޒުމުގައި ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ކުރިއަށް ވަޑައިގަންނަވާނީ އެންމެންގެ އެހީތެރިކަމާއެކުގައި ކަމަށާއި، އެ ރަސްމިއްޔާތުގައި ދަސްވެނިވި ފަރާތްތަކުގެ ކިބައިން ވެސް އެދިވަޑައިގަންނަވަނީ ޤައުމީ ވިސްނުމެއްގައި އެކަމުގައި ބައިވެރިވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.