ޓެކްނޮލޮޖީ ދުނިޔޭގެ ބޮޑު އެއް ކުންފުނި އެޕަލްއިން އެންމެ ފަހުގެ އެމް4 ޗިޕް ހިމެނޭ އައު މެކްބުކް އެއަރ، 2025 ވަނަ އަހަރުގެ ކުރީކޮޅު ނެރޭނެކަމަށް ޓެކް ރިޕޯޓްތައް ބުނެފިއެވެ.

ބްލޫމްބާގްގެ ރިޕޯޓެއްގައި ބުނެފައިވަނީ އެޕަލްގެ އަޕްޑޭޓްކުރެވިފައިވާ މި މޮޑެލްތަކުގެ އުފެއްދުންތައް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހާއި މާާރިޗު މަހާ ދެމެދުގެ މުއްދަތެއްގައި ކަމަށް ލަފާކުރެވެއެވެ. މި އިޢުލާނު އައިސްފައިވަނީ މި ހަފްތާގައި ހާމަކުރުމަށް ހަމަޖެހިފައިވާ އައު މެކް ވަސީލަތްތަކެއްކަމުގައިވާ މެކްބުކް ޕްރޯ، މެކް މިނީ އަދި އައިމެކްތަކެއްގެ ފަހަތުންނެވެ.

Ad
rt

އައު މެކްބުކް އެއަރ މޮޑެލްތައް 13 އިންޗި އަދި 15 އިންޗީގެ ސައިޒުތަކުގައި ނެރުމަށް ވަނީ ރޭވިފައެވެ. މި މޮޑެލްތަކުގައި 2022 ގައި ތަޢާރަފުކުރެވުނު ޑިޒައިން ހިފެހެއްޓިފައި ހުންނާނެ ކަމަށް ބެލެވެއެވެ. ނަމަވެސް، މުހިންމު އަޕްގްރޭޑެއްގެ ގޮތުގައި އެމް4 ޗިޕް ހިމެނުމަށް ވަނީ ނިންމާފައެވެ. މި ޗިޕްގެ ސަބަބުން ސްޕީޑާއި ޕަރފޯމަންސް އިތުރުވެ، ޚާއްޞަކޮށް އާޓިފިޝަލް އިންޓެލިޖެންސްއާ ގުޅުންހުރި މަސައްކަތްތަކަށް ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.

އެޕަލްއިން މުޅި މެކް ސިލްސިލާ އެއްފަހަރާ އެމް4 ޖެނެރޭޝަނަށް އަޕްގްރޭޑްކުރުމަށް ނިންމާފައިވާކަމީ އެޕަލްއިން އަޅާފައިވާ ފާހަގަކޮށްލެވޭ ފިޔަވަޅެކެވެ.

މި އައު މެކްބުކް އެއަރ މޮޑެލްތައް ނެރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގައި ސޮފްޓްވެއަރ އަޕްޑޭޓެއް ގެނައުމަށްފަހު، 2025 ގެ ކުރީކޮޅުގައި ކަމަށް ރިޕޯޓުތަކުން ދައްކައެވެ. މީގެ ކުރިން މެކްބުކް އެއަރ އަޕްޑޭޓްކުރެވިފައިވަނީ 2023 ގެ މާރިޗު މަހުގައި އެމް3 ޗިޕާއެކުގައެވެ. އަދި 2023 ގެ ޖޫން މަހުގައި އެޕަލްއިން ވަނީ އެމް2 ޗިޕް ހިމެނޭ 15 އިންޗީގެ ވެރިއެންޓެއް ތަޢާރަފުކޮށްފައެވެ.

މީގެ އިތުރުން، އެޕަލްއިން ވަނީ އައު މެކް ސްޓޫޑިއޯ މޮޑެލެއް ނެރުމަށްވެސް ރާވާފައެވެ. ނަމަވެސް، ޕްރޮފެޝަނަލުންނަށް އަމާޒުކޮށްފައިވާ މި ވަސީލަތް ލަސްވެފައިވާ ކަމަށާއި، މިހާރު އެ ވަސީލަތް ނެރުމަށް ރޭވިފައިވަނީ މާރިޗު މަހާއި ޖޫން މަހާ ދެމެދުގެ މުއްދަތެއްގައި ކަމަށް ބެލެވެއެވެ.