ޖަމްމޫ އަދި ކަޝްމީރުގެ ގުލްމާގުގައި ހުރި ބޮޓްޕަތްރީ ސަރަހައްދުގައި އިންޑިއާ ސިފައިންގެ ވެހިކަލަކަށް ޓެރަރިސްޓުން ދިން ހަމަލާއެއްގައި އާންމު ރައްޔިތަކު މަރުވެ، 5 ސިފައިން ޒަޚަމްވެއްޖެއެވެ. މި ހަމަލާ ދެވުނު ވެހިކަލަކީ 18 ވަނަ ރަޝްޓްރިޔާ ރައިފަލްސްގެ ވެހިކަލެކެވެ.

އޮފިޝަލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހަމަލާ ދެވުނީ ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) އިން 5 ކިލޯމީޓަރު ދުރުގައިވާ ބޮޓްޕަތްރީ ސަރަހައްދުން ވެހިކަލް ދަތުރުކުރަމުން ދަނިކޮށެވެ. މި ހަމަލާގައި މަރުވި މީހަކީ ޕޯޓަރެއްގެ ގޮތުގައި މަސައްކަތްކުރި އާންމު ރައްޔިތެކެވެ.

Ad
rt

މި ހަމަލާ ދިން ޓެރަރިސްޓުންނަކީ ޕާކިސްތާނުގެ ބޯޑަރ އެކްޝަން ޓީމް (ބީއޭޓީ) ގެ ބައެއް ކަމަށް ބެލެވެއެވެ. މިއީ ކުރިންވެސް އެކި ފަހަރު މަތިން ބޯޑަރު ހުރަސްކޮށް ހަމަލާ ދީފައިވާ ޚާއްޞަ ޔުނިޓެކެވެ. ޓެރަރިސްޓުން މި ހަމަލާ ދިނީ ސިފައިންގެ ވެހިކަލް ބޮޓްޕަތްރީގެ އެކަހެރި ސަރަހައްދަކަށް ވަދެވުނު ވަގުތުގައެވެ.

މި ޓެރަރިސްޓް ހަމަލާއާ ގުޅިގެން ސެކިއުރިޓީ ބާރުތަކުން ވަނީ ރައްދު ދިނުމުގެ ގޮތުން އޮޕަރޭޝަންތަކެއް ފަށާފައެވެ.

ފަހަކަށް އައިސް ކަޝްމީރުގައި ބޭރު ސަރަހައްދުތަކުން އައިސް މަސައްކަތްކުރާ މީހުންނަށް ދެވޭ ހަމަލާތައް އިތުރުވެފައިވާ ކަމަށް ފާހަގަކުރެވެއެވެ. އެންމެ ފަހުން މިފަދަ ހަމަލާއެއް ދެވިފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނުގައެވެ. މި ހަމަލާގައި އުއްތަރު ޕްރަދޭޝްގެ މަސައްކަތްތެރިއަކަށް ވަނީ ޕުލްވާމާ ޑިސްޓްރިކްޓްގެ ޓްރާލް ސަރަހައްދުގައި ބަޑި ޖަހާފައެވެ.

މީގެ އިތުރުން، އާދީއްތަ ދުވަހު ގަންދަރްބާލް ޑިސްޓްރިކްޓްގެ ޢިމާރާތްކުރުމުގެ މަސައްކަތް ކުރާ ސައިޓެއްގައި ދިން ޓެރަރިސްޓް ހަމަލާއެއްގައި 6 މަސައްކަތްތެރިންނާއި އެއް ޑޮކްޓަރަކު މަރުވެފައިވާއިރު، 18 އޮކްޓޯބަރުގައި ޝޯޕިއާން ޑިސްޓްރިކްޓްގައި ބިހާރުގެ މަސައްކަތްތެރިއަކު ޓެރަރިސްޓުން ވަނީ މަރާލާފައެވެ.