ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހދ. ނޮޅިވަރަމްގައި މިއަދު ހިނގާލުމެއް ބާއްވައިފިއެވެ.

މި ހިނގާލުން އިންތިޒާމްކޮށް ކުރިއަށް ގެންދިޔައީ ނޮޅިވަރަމް ސިއްހީ މަރުކަޒުންނެވެ.

Ad
rt

ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން އަންގައިދީ، މުޖުތަމަޢު ހޭލުންތެރި ކުރުވުމުގެ މަޤްޞަދުގައި ބޭއްވުނު މި ހިނގާލުމުގައި ރަށުގެ އެކި މުއައްސަސާތަކާއި، ކުލަބު ޖަމްޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވިއެވެ. މީގެ އިތުރުން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވެސް މި ހިނގާލުމުގައި ބައިވެރިވެފައިވެއެވެ.

ނޮޅިވަރަމް ސިއްހީ މަރުކަޒުން ބުނެފައިވާގޮތުގައި މި ހިނގާލުމުގެ މައިގަނޑު މަޤްޞަދަކީ ނަފްސާނީ ސިއްހަތުގެ މުހިންމުކަމާ މެދު މުޖުތަމަޢުގެ ސަމާލުކަން އިތުރުކޮށް، ނަފްސާނީ ބަލިތަކާ ގުޅޭ ގޮތުން ހުރި ނޭދެވޭ ވިސްނުންތައް ނައްތާލުމެވެ.

ސިއްހީ މަރުކަޒުން ވަނީ މި ހިނގާލުމުގައި ބައިވެރިވި އެންމެހާ މުއައްސަސާތަކާއި މުވައްޒަފުންނަށާއި ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.

ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހަކީ ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަހަކީ ދުނިޔޭގެ ފެންވަރުގައި ނަފްސާނީ ޞިއްޙަތަށް ހޭލުންތެރިކަން އިތުރުކޮށް، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ގިނަ ހަރަކާތްތަކެއް ހިންގޭ ދުވަހެކެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން ކަމާގުޅުންހުރި ހުރިހާ ޖަމްއިއްޔާތަކާއި ސަރުކާރުގެ އިދާރާތަކާ ގުޅިގެން ރާއްޖޭގެ އެކިރަށްތަކުގައި ހިނގާލުންތަކެއް ބާއްވަމުން އަންނައިރު މާލެ ސަރަހައްދުގެ ހިނގާލުން އޮންނާނީ މާދަމާ ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކްގައި16:30 ން 18:00 އަށެވެ.