ދުންފަތުގެ އިސްތިޢުމާލުނުކުރާ ރަށްރަށް އިނާމެއް ތައާރަފްކޮށް، ދުންފަތުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މާސްޓާ ޕްލޭނެއް އެކުލަވާލަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް މި ނިންމެވުން ނިންމެވިކަން ހާމަކޮށް ރައީސް އޮފީހުން މިރޭ ބުނީ، އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ވަޒީރުންގެ ލަފާފުޅާއެކު، ދުންފަތް ކޮންޓްރޯލުކުރުމަށް ހަދާފައިވާ ޤާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމާއެކު، ދުންފަތުގެ އިސްތިޢުމާލުކުރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި ރިއަލިސްޓިކް މާސްޓަރ ޕްލޭނެއް އެކުލަވާލުމަށް ރައީސް ވަނީ ނިންމަވާފައެވެ.

Ad
rt

މިގޮތުން ފިޔަވަހިތަކަކަށް ބަހާލައިގެން، ކުރިއަށް އޮތް 4 އަހަރު ދުވަހުގެ ތެރޭގައި ފާހަގަކުރެވޭ ރަނގަޅު ނަތީޖާއެއް ޙާޞިލުކުރެވޭނެ ފަދަ ރިއަލިސްޓިކް މާސްޓަރ ޕްލޭނެއް އެކުލަވައިލައްވައި، މި އޮކްޓޫބަރު 27 ވަނަ ދުވަހު ބާއްވަވާ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވުމަށް ރައީސް ވަނީ ނިންމަވާފައެވެ.

ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ނިންމަވައިފި

މި މާސްޓަރ ޕްލޭން އެކުލަވައިލެއްވުމުގައި ދުންފަތާ ދުރު މުޖުތަމަޢުއެއް ބިނާކުރުމަށް އިޖުތިމާޢީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކާއި، ދުންފަތުގެ އިސްތިޢުމާލުނުކުރާ ރަށްރަށް ފާހަގަކުރުމަށް އިނާމެއް ތަޢާރުފުކުރުމަށް ހިމަނަން ވަނީ ނިންމަވާފައެވެ. އަދި އެ އިނާމު ލިބޭ ރަށެއްގެ އިޖްތިމާޢީ ކަމަކަށް މާލީ އެހީތެރިކަން ދިނުން ފަދަ ކަންކަން އެ ޕްލޭންގައި ހިމެނުމަށް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން މި ޕްލޭންގައި، ދުންފަތާ ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ފަރުވާ، ކޮންމެ ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒަކުން ހިލޭ ފޯރުކޮށްދިނުން ހިމެނުއްވުމަށް ވެސް ރައީސް ވަނީ ނިންމަވާފައެވެ.