ރާއްޖޭގައި ފުރަތަމަ ފަހަރަށް ތެލެސީމިއާ ހޮސްޕިޓަލެއް އެޅުމަށް ރޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މެނޭޖްމަންޓް މާސްޓަރ ޕްލޭން އިފްތިތާހް ކުރުމަށް ކްރޮސް ރޯޑްސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ މި ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މެލޭޝިޔާގެ ސައިނޯމާ އިންޑަސްޓްރީ އިންޖިނިއަރިންގ އާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދާނީ މެލޭޝިއާގެ މެޑޯ އޭޝިއާ އާއި ޗިންހިން ގުރޫޕު ބަރުހާދު ގުޅިގެންނެވެ.
މި ތަން ތަރައްގީކުރަން ނިންމާފައި ވަނީ ސައިނޯމާ އިންޑަސްޓްރީ އިންޖިނިއަރިންގެ ޚަރަދުގައެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ މި ހޮސްޕިޓަލަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތެލަސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާތައް ދެވޭގޮތަށް ފަރުމާކޮށްފައިވާ ހޮސްޕިޓަލެކެވެ.
މި ހޮސްޕިޓަލުގައި ލެބޯޓްރީއާއި ވޯޑްތަކުގެ އިތުރުން ޕްރައިވެޓް ރޫމްތަކާއި އައިސީޔޫ އަދި އެކަހެރިކޮށްގެން ފަރުވާދެވޭނެ އިންތިޒާމުތައް ހުންނާނެއެވެ. މީގެ އިތުރުން ބޯންމެރޯއަށް ޓްރާންސްޕްލާން ކުރެވޭނެ ޔުނިޓެއް ވެސް މި ހޮސްޕިޓަލުގައި ހުންނާނެއެވެ.
މި ހޮސްޕިޓަލް އެޅުމަށް އެއްބަސްވުމުގައި ސޮއިކުރުމާއެކު، ރާއްޖޭގެ ތެލެސީމިއާ ބަލިމީހުންނަށް ފަރުވާ ދިނުމުގައި އައު ހަރުފަތަކަށް އަރާނެކަމަށް ސިއްހީ ދާއިރާގެ މާހިރުން ދެކެއެވެ. މި ހޮސްޕިޓަލް އެޅުމުން ތެލެސީމިއާ ބަލިމީހުންނަށް ބޭނުންވާ ޚާއްސަ ފަރުވާތައް ރާއްޖޭގައި ލިބެން ފެށުމާއެކު، ބޭރު ޤައުމުތަކަށް ދިއުމަށް ކުރަންޖެހޭ ޚަރަދުތައް ކުޑަވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!