ދެކުނު އެމެރިކާ ބައްރުގެ ފީފާ ވޯލްޑްކަޕް ކޮލިފައިންގައި ރޭ އާޖެންޓީނާއާއި ބޮލީވިއާ ބައްދަލުކުރި މެޗުގައި ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި އާޖެންޓީނާ ހަމަޖެހިލައިފިއެވެ.

ރޭ އަމިއްލަ ގައުމުގައި ކުޅުނު މެޗު އާޖެންޓީނާއިން ކާމިޔާބު ކޮށްފައި ވަނީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ.

Ad
rt

މި މެޗުގައި އާޖެންޓީނާގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު އެ ޓީމްގެ ކެޕްޓަން ލައިނަލް މެސީ ވަނީ ތިން ލަނޑުޖަހައި ހެޓްރިކް ހަދާފައެވެ. މި ތިންލަނޑާއިއެކު އޭނާ ގައުމީ ޓީމަށް ޖަހައިދިން ލަނޑުގެ އަދަދު ވަނީ 112 އަށް އަރާފައެވެ. އެއީ 189 މެޗުންނެވެ. ރޭ މެޗުގައި ތިން ލަނޑު ޖެހުމުގެ އިތުރުން ދެ ލަނޑު ޖަހަން އޭނާ ވަނީ އެސިސްޓް ކޮށްދީފައެވެ. މިއީ އޭނާގެ ކެރިއާގައި ޖެހި 846 ވަނަ ލަނޑެވެ.

އާޖެންޓީނާ އަށް ރޭގެ މެޗުގައި އަނެއް ލަނޑުތައް ޖަހައިދިނީ، ލައުޓާރޯ މާޓިނޭޒް، ޖޫލިއަން އަލްވަރޭޒް އަދި ތިއާގޯ އަލްމާޑާއެވެ.

މި މޮޅާއިއެކު ތާވަލުގެ އެއްވަނާގައި އާޖެންޓީނާ އޮތީ ކުޅުނު 10 މެޗުން ލިބުނު 22 ޕޮއިންޓާއި އެކުއެވެ. ދެވަނާގައި އޮތް ކޮލަމްބިއާއަށް 10 މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނާގައި 10 މެޗުން 16 ޕޮއިންޓް ހޯދައިގެން އޮތީ އުރުގުއޭއެވެ. ހަތަރުވަނާގައި އޮތް ބްރެޒިލް އަށް ވެސް 10 މެޗުން ވަނީ 16 ޕޮއިންޓް ލިބިފައެވެ.