މެލޭޝިއާގައި ބޭއްވި ބައިނަލްއަގްވާމީ ޤުރްއާން މުބާރާތަކުން ރާއްޖޭގެފާޠިމަތު ޝާޔާ ޒާހިރު ތިންވަނަ ހޯދައިފިއެވެ.
އެކަން ހާމަކުރަށްވައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މެލޭޝިޔާގައި ބޭއްވި ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ދަރިވަރު ފާޠިމަތު ޝާޔާ ޒާހިރު މުބާރާތުން ތިންވަނަ ހޯދާފައިވާ ކަމަށެވެ.
''މި އުފާވެރި މުނާސަބަތުގައި ޝާޔާއާއި އާއިލާއަށް ތަހުނިޔާއާއި ހެޔޮ ދުއާ ރައްދުކުރަން..މިއީ ރާއްޖެއަށް ލިބުނު ފަޚުރެއް'' ވަޒީރު ވިދާޅުވެފަވެއެވެ.
ޝާޔާ ތިންވަނަ ހޯދާފައި ވަނީ މެލޭޝިޔާގައި ބޭއްވި ''64 ވަނަ އިންޓަނޭޝަނަލް އަލް-ޤުރްއާން ރިއެކްޝަން އެންޑް މެނޮރިޒޭޝަން އެސެމްބްލީ 2024'' މުބާރާތުންނެވެ.
މެލޭޝިޔާގައި ބޭއްވި ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ދަރިވަރު،ފާޠިމަތު ޝާޔާ ޒާހިރު މުބާރާތުން ތިންވަނަ ހޯދައިފި. މި އުފާވެރި މުނާސަބަތުގައި ޝާޔާއާއި އާއިލާއަށް ތަހުނިޔާއާއި ހެޔޮ ދުއާ ރައްދުކުރަން..މިއީ ރާއްޖެއަށް ލިބުނު ފަޚުރެއް. الحمد لله pic.twitter.com/GlW7KiiPl1
— Mohamed Shaheem Ali Saeed (@Mohamedshaheem1) October 12, 2024
މި މުބާރާތުގައި ޝާޔާ ވަނަ ހާސިލް ކުރީ އަންހެން ހިތުން ކިޔުމުގެ ބައިންނެވެ. މި ބައިން އެއްވަނަ ހޯދީ ނައިޖަރުގެ ހަބްސަތޫ ހަމިސޫ ބޫބަކަރު އެވެ. ދެވަނަ ހޯދީ މެލޭޝިއާގެ ޕުތްރީ އަމީނާ މުހައްމަދު ހަނީފް އެވެ.
ބަލައިން ކިޔެވުމުގެ ބައިންނާއި ހިތުދަސް ބައިތަކުން ވަނަތައް ހޯދި ފަރާތްތަކަށް މެލޭޝިޔާގެ ސަރުކާރުން 40،000 ރިންގިޓް ފައިސާގެ އިނާމާއި، މެލޭޝިއާގެ އިސްލާމީ އިޤްތިޞާދީ ތަރައްޤީގެ ފައުންޑޭޝަން (ޔަޕީއީއައިއެމް) އިން 12،000 ރިންގިޓްގެ އަގުހުރި އިނާމުތަކާއި ސެޓްފިކެޓް ދީފަވެއެވެ.
މެލޭޝިއާގެ އިސްލާމީ ތަރައްޤީގެ ޑިޕާޓްމަންޓް (ޖޭއޭއައިކޭއެމް) އިން އިންތިޒާމުކުރި 64 ވަނަ މެލޭޝިއާ ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތުގައި 71 ޤައުމަކުން 92 ބައިވެރިން ވާދަކުރިއެވެ.
މި މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި މޮރޮކޯ، ތުރުކީ، ސައޫދީ އަރަބިއްޔާ އަދި އިންޑޮނޭޝިއާ ފަދަ އެކި ޤައުމުތަކުގެ ފަނޑިޔާރުން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!