ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި އަމަލީ މަސައްކަތް ފަށައިގެން ނިމުމަކާއި ގާތަށް ގޮސްފައިވާ ޖޫނިއަރ ކޮލެޖްގެ މަސައްކަތް ނިމި އަންނަ އަހަރު ކިޔަވައި ދޭން ފެށުމަކީ އުންމީދެއް ކަމުގައި މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން ބުނީ ދިއްދޫ ޖޫނިއަރ ކޮލެޖްގެ އިތުރުން ނ.ވެލިދޫގައި ގާއިމްކުރާ ޖޫނިއަރ ކޮލެޖް ވެސް ނިންމައި އަންނަ އަހަރު ކިޔަވައިދޭން ފެށުމަކީ އުންމީދެއް ކަމަށެވެ.
އެމްޓީސީސީއާއި ހަވާލުކޮށްގެން މި ދެމަސައްކަތް ކުރިއަށް ގެންދާއިރު، މިހާތަނަށް ދިއްދޫ ޖޫނިއަރ ކޮލެޖްގެ މަސައްކަތުގެ 90 އިންސައްތަ މަސައްކަތް ވަނީ ނިންމާފައެވެ. އަދި ވެލިދޫ ޖޫނިއަރ ކޮލެޖްގެ މަސައްކަތުގެ 30 އިންސައްތަ މަސައްކަތް ވަނީ ނިންމާފައެވެ.
އެ ވުޒާރާއިން ބުނީ ދިއްދޫ ޖޫނިއަރ ކޮލެޖް ނިމޭއިރު ކަނޑައެޅިފައިވާ ސްޕެޝަލައިޒޭޝަން ޕްރޮގްރާމްތައް ހިންގުމަށް ޚާއްސަ ލެބޯޓަރީއާއި ވޯކްޝޮޕްތަކުގެ އިތުރުން މަލްޓި-ޕާޕަސް ވޯކްޝޮޕާއި ކިޔަވައިދޭ ކްލާސް ރޫމާއި އައި.ސީ.ޓީ ލެބޯޓަރީ ހުންނާނެ ކަމަށެވެ. އަދި އިދާރީ ހިދުމަތްތަކަށް ހާއްސަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ހިދުމަތްތަކަށް ހާއްސަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި، މީޓިންގ ރޫމްތަކާއި، ސްޓަޑީ ރޫމްތަކާއި، ލައިބްރަރީވެސް ހުންނާނެ ކަމަށެވެ.
މީގެއިތުރުން އެ ވުޒާރާއިން ބުނީ ވެލިދޫ ޖޫނިއަރ ކޮލެޖް ނިމޭއިރު ކިޔަވައިދިނުމަށް ބޭނުންކުރާ ސްމާޓް ކްލާސްރޫމްގެ އިތުރުން އައިސީޓީ ލެބޯޓަރީއަކާއި އިދާރީ ހިދުމަތްތަކަށް ހާއްސަ އޭރިއާއަކާއި ލައިބްރަރީއަކާއި، އިންސްޓިޓިއުޓުގައި ތަފާތު އެކި ދާއިރާތަކުން ވޮކޭޝަނަލް ޕްރޮގްރާމްތައް ހިންގުމަށް މަލްޓިޕާޕަސް ވޯކްޝޮޕްތައް ވެސް އެތަނުގައި ހުންނާނެ ކަމަށެވެ.
ދިވެހި ޒުވާނުންގެ ހުނަރުވެރިކަން އިތުރުކުރުމަށް ތަފާތު ތަމްރީނު ޕްރޮގްރާމްތައް ފޯރުކޮއްދިނުމާއި އެކި ރަށްރަށަށް މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަރަށް ބޮޑު އަހަމިއްޔަތެއް ދެއްވާކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!