ކުޑަކުއްޖަކަށް 12 އަހަރުގެ މުއްދަތަކަށް އެކި ފަހަރު މަތިން ޖިންސީ ގޯނާކުރި މީހަކު 15 އަހަރަށް ޖަލަށްލާން ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ލ. އަތޮޅު ރަށެއްގެ މީހެއްގެ މައްޗަށް އެ ހުކުމް އައީ 2009 ވަނަ އަހަރުން ފެށިގެން 2021 ގެ ނިޔަލަށް އޭނާގެ އެއްބަނޑު އެއްބަފާ މީހެއްގެ ދަރިއަކަށް ޖިންސީ ގޯނާކުރި މައްސަލައިގަ އެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ކުރި އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ ސާބިތުނުވާ ކަމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް އޭނާގެ މައްޗަށް ކުށް ސާބިތުވީ އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުންނެވެ.

Ad
rt

ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ ކުއްޖާ ނިދާފައި އޮއްވައި އެ ކުއްޖާގެ ގައިގައި އަތްލުމުގެ އިތުރުން އެ ކުއްޖާއަށް ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ އެ މީހާ ދެއްކި ކަމަށް އެ ކުއްޖާ ބުނި ކަމަށް އެ ކުއްޖާގެ ބޭބެއަށް ކިޔައިދީފައިވާ ކަމަށެވެ. އަދި އެ ކުއްޖާއަށް 2009 ވަނަ އަހަރު ޖިންސީ ގޯނާކުރި ވާހަކަ އެ ކުއްޖާ ކިޔައިދިނީ އޭގެ އެތައް އަހަރެއް ފަހުން ކަމަށް ވީ ނަމަވެސް 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ވާހަކަ އެ ކުއްޖާ ކިޔައިދީފައިވާ ކަމަށް ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ އެ މީހާގެ މައްޗަށް ކުށް ސާބިތުވާތީ އޭނާ 15 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރެއްވީ ކަމަށެވެ.

އެ މީހާ 15 އަހަރަށް ޖަލަށްލި ނަމަވެސް ބަންދުގައި ކުރިން ހޭދަކުރި މުއްދަތު އުނި ކުރުމުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 14 އަހަރުގެ ޖަލު ހުކުމެކެވެ.