ދޮގުހެދުމާއި ދޮގު ޚަބަރުފެތުރުމަކީ އަދުގެ ދިވެހި މުޖުތަމަޢުގައި މޫލައިފައި އޮތް ބޮޑު ހަލާކެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށް މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، މި އަހަރުގެ ޤައުމީ ދުވަހުގެ ޖަލްސާގައި ދިވެހި ޤައުމިއްޔަތުގެ މަދަކީ މާތްވެގެންވާ އިސްލާމްދީންކަމުގައި އެމަނިކުފާނު ދެންނަވާފައިވާކަން ފާހަގަކުރަށްވަމުން ވިދާޅުވީ، އިސްލާމްދީނުގެ ޖައުހަރަކީ ކީރިތި ޤުރްއާން ކަމަށެވެ. އަދި އެއީ، މުސްލިމުންގެ ދުސްތޫރުކަމާއި، އަޅުގަނޑުމެން އެންމެން އެ ފޮތަށް ޢަމަލުކުރަން ޖެހޭ، އެ ފޮތާ އެއްގޮތަށް ދިރިއުޅެންޖެހޭ ﷲގެ ކަލާމްފުޅުކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.
އަޅުގަނޑުމެން ކޮންމެ މީހަކު މަންމަގެ އުނގުން ފެށިގެން އެންމެ ފުރަތަމަ އުނގެނެނީ އެ މާތް ފޮތްކަމަށާއި، އެ ފޮތް އެންމެންނަށް ދައްކަނީ ޙައްޤުގެ މަގުކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ. އަދި އެ ފޮތް އަޅުގަނޑުމެން އެންމެންނަށް ދަސްކޮށް ދެނީ ކޮންމެ ކަމެއްގައި ވެސް އެންމެ ހެޔޮ ގޮތް ކަމަށް ރައީސް ވަނީ ވިދާޅުވެފައެެވެ.
''ދެން ކީއްވެތޯ، މީހުންގެ މުދަލަށާއި ޖާނަށް ގެއްލުންތައް ދެވެމުންދަނީ؟ ކީއްވެތޯ މީހުންގެ އަބުރު ކަތިލަމުން، އާއިލީ ގުޅުންތަކަށް ވިހަލަމުންދަނީ؟ ކީއްވެތޯ ކުޑަކުދީންގެ ކަރާމާތަށް ޙުރުމަތްތެރިކޮށް ނުހިތެނީ؟ ކީއްވެތޯ އަމިއްލަ ބުއްދިފިލައިދާ ފަދަ ޢަމަލުވުންތަކާއި، އަމިއްލަ ޤައުމު ހަލާކުވެދާ ފަދަ ބަދުއަޚްލާޤީ ޢަމަލުތައް އާންމުވަމުންދަނީ؟ ކީއްވެތޯ ދޮގާއި މަކަރާއި ހީލަތުން ބޮޑެތި ފަސާދަތައް އުފަންކުރުވަމުން ދަނީ؟ ކީއްވެތޯ ފިތުނައިގެ އަލިފާނުން މުޅި ޤައުމީ ފޭރާން އަޅިޔަށް ހަދާލާއިރު، އެއީ، މިނިވަންކަމުގެ ޙައްޤުކަމަށް ހީކުރެވެނީ؟'' ރައީސް ސުވާލުކުރަށްވާފައެވެ.
މި ކަންކަމާ އިސްލާމްދީނާ ކުޑަ ވެސް ގުޅުމެއް ނެތްކަމަށާއި، އެއީ ކަނޑައެޅިގެން ދީނާ ޚިލާފުކަންކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ. މި ކަންކަމާ ގުޅިފައިވާ ހަމަލާތަކުގެ ސަބަބުން އޮހޮރެމުންދަނީ ކިތައް އާއިލާގެ ކަރުނަތޯ ސުވާލުކުރަށްވައި، މިއީ، ކިތައް މުސްލިމު އަޚުން އުޚުތުންނެއްގެ ތަދާއި ލަދާއި ވޭނާއި ކެކުޅުންތޯ ވެސް ރައީސް ވަނީ ސުވާލުކުރަށްވާފައެވެ.
''މި ބާވަތުގެ ޖަރީމާތަކުގެ ތެރެއިން ހަމައެކަނި ދޮގުހެދުމާއި، ދޮގު ޚަބަރުފެތުރުމަށް ބަލައިލިޔަސް، އެ ދެއްކެނީ އަދުގެ ދިވެހި މުޖުތަމަޢުގައި މޫލައިފައި އޮތް ބޮޑު ހަލާކެއްގެ ވާހަކަ. ދޮގާއި، އާޑަފުރައްސާރަޔާއި، ނެތިނުބައިކިޔުމުގެ ބާޒާރުގައި، އެތައް ބަޔަކު އަވަދިނެތި އެބައުޅޭ. ލިބޭ ވަގުތީ ދުނިޔެވީ މަންފާއަކަށް. ކުޑަ ލާރިކޮޅަކަށް މިފަދަ ދަށު ދަރަޖައިގެ ޢަމަލުތައް ހިންގޭއިރު، އެ ކުރެވެނީ ކިހާވަރެއްގެ ނުބައިކަމެއްކަން ވަޒަންކޮށްލުމުގެ ހެޔޮ ވިސްނުން ހަމަ ނާންނަނީބާ؟ އެއީ، މުޖުތަމަޢަށް ލެވޭ ކިހާވަރެއްގެ ނުބައި ޒަހަރެއްކަން އެ މީހުން ހަމަ ނުދަންނަނީބާ؟'' ރައީސް ސުވާލުކުރަށްވާފަވެއެވެ.
ސައްތައިންސައްތަ އިސްލާމީ ޤައުމެއްގެ ދީނީ އަޚްލާޤީ އިޖުތިމާޢީ މިންގަނޑުތައް ފުނޑުފުނޑުކޮށް، ފަނާކޮށްލަން ބައިވެރިވުމާއި، އެ ކަންކަމުން ނިކުންނާނެ ނުބައި ނަތީޖާ، އެފަދަ މީހުންނަށް ހަމަ ނުވިސްނެތޯ ވެސް ރައީސް ވަނީ ސުވާލު ކުރަށްވާފައެވެ. އަދި މުޅި ޤައުމުގެ އަޚްލާޤީ ފޭރާން އިންދިރާސްކޮށްލުމަކީ ކޮންފަދަ ބޮޑު އިހާނަތެއްތޯ އާއި ކޮން ފަދަ ބޮޑު ޚިޔާނަތެއްތޯ ވެސް ރައީސް ވަނީ ސުވާލުކުރަށްވާފައެވެ.
މީގެ އިތުރުން ދޮގު ވާހަކަތަކުގެ ސަބަބުން ލޮޅުންއެރީ ކިތައް އާއިލީ ގުޅުމަށްތޯ އާއި ހުތުރު ފުރައްސާރަތަކުގެ ސަބަބުން މާޔޫސްވީ ކިތައް ޚިދުމަތްތެރީންތޯ ވެސް ރައީސް ސުވާލުކުރެއްވިއެވެ. އަދި ދެބައޮޑުވުމާއި، ނެތިނުބައިކިޔުމުގެ ސަބަބުން، ރޫޅި ކުދިކުދިވީ ކިތައް އެކުވެރި ރަޙްމަތްތެރިކަންތޯ ވެސް ސުވާލުކުރެއްވިއެވެ.
ރައީސް ވިދާޅުވީ، މިފަދަ ކޮންމެ ކަމަކުން އުފެދޭ ވޭނާއި ކެކުޅުން، އެތައް ޒަމާނަކަށް، އެތައް ޖީލަކަށް ދެމިގެންދާ ކަމަށެވެ. އަދި ވަކިވަކި މީހުންނަށް ގެއްލުން ލިބޭ ފަދައިން، ވަކިވަކި އާއިލާތަކަށް ގެއްލުން ލިބޭކމަށާއި، ބައެއްފަހަރަށް ފަތުރާލާ ދޮގު ޚަބަރުތަކުގެ ސަބަބުން، މުޅި ދިވެހި ދައުލަތަށް، އޭގެ އިންތިހާ ގެއްލުން ފޯރާފައި އެބަހުރިކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!