ހުސްވެފައިވާ ހދ.އަތޮޅު ކައުންސިލްގެ ނައިބް ރައީސްގެ މަގާމަށް، ހިރިމަރަދޫ ކައުންސިލްގެ ރައީސްކަމުގައި ހުންނެވި މުހައްމަދު ވަހީދު އިންތިހާބު ކޮށްފިއެވެ.
އޭނާ އެ މަގާމަށް އިންތިހާބު ކޮށްފައި ވަނީ، އިއްޔެ ބޭއްވި ހދ.އަތޮޅު ކައުންސިލްގެ 148 ވަނަ އާންމު ބައްދަލުވުމުގައެވެ. ވުމާއިއެކު 03 އޮކްޓޯބަރ 2024 އިން ފެށިގެން އަތޮޅު ކައުންސިލުގެ ނައިބް ރައީސްގެ ޒިންމާ އުފުއްލަވާނީ ވަހީދުއެވެ.
ކުރިން އަތޮޅު ކައުންސިލްގެ ނައިބް ރައީސްގެ މަގާމު ފުރުއްވަމުން ގެންދެވީ ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުލްސައްތާރު ހަސަންއެވެ.
މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ބޮޑުތަނުން އިހުމާލުވެ އަތޮޅު ކައުންސިލަށާއި އަތޮޅުގެ ރައްޔިތުންގެ ހައްގުތަކަށް އިހުމާލުވަމުންދާ ކަމަށްބުނެ ނައިބް ރައީސްގެ މަގާމުން ސައްތާރު ވަކިކުރަން ހުށަހަޅައި އިތުބާރު ނެތްކަމުގެ ވޯޓު ނަގާފައި ވަނީ މި އަހަރުގެ ޖުލައި 15 ވަނަ ދުވަހު ބޭއްވި އެ ކައުންސިލްގެ އާންމު ބައްދަލުވުމުގައެވެ. އެ މައްސަލަ ހުށަހަޅާފައި ވަނީ ވެސް ވަހީދުއެވެ.
ސައްތާރަށް ޖަވާބުދާރީވާން 30 ދުވަހުގެ މުހުލަތެއް ދިނުމަށް ފަހު އޭނާ ނައިބް ރައީސްގެ މަގާމުން ވަކިކޮށްފައި ވަނީ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ.
މި އަހަރުގެ އޮގަސްޓް މަހުގެ 22 ވަނަ ދުވަހު ބޭއްވި އަތޮޅު ކައުންސިލްގެ އާންމު ބައްދަލުވުމުގައި، އަތޮޅު ކައުންސިލްގެ ރައީސްކަމުގައި ހުންނެވި މުހައްމަދު ސިރާޖު އެ މަގާމުން ވަކިކުރަން ވެސް ފާސްކުރިއެވެ.
އެ ޖަލްސާގައި ސިރާޖު ރައީސްކަމުން ވަކިކުރުމަށް ވޯޓަށް އެހުމުން، ފެންނަކަމަށް 8 މެމްބަރަކު ވޯޓު ދިނެވެ. ނުފެންނަ ކަމަށް ދެ މެމްބަރަކު ވޯޓު ދީފައިވެއެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަމުން ވަހީދު ވިދާޅުވީ މަގުބޫލް އުޒުރެއް ނެތި ވިދިވިދިގެން 7 ޖަލްސާއަށް ހާޒިރުނުވެއްޖެނަމަ އެ މެންބަރެއްގެ މެންބަރުކަމުން ވަކިވާނެ ކަމަށާއި، ރައީސް 7 ޖަލްސާއަށްވުރެ ގިނަ ޖަލްސާއަށް ހާޒިރުވެފައި ނުވާކަމަށެވެ.
ފާއިތުވެދިޔަ މުއްދަތުގައި ރައީސް ނެތުމުގެ ސަބަބުން ކައުންސިލު ހިންގުމުގައި ބޮޑެތި ދަތިތަކާއި ކުރިމަތިވެފައި ވާކަން ވަހީދު ވަނީ ފާހަގަ ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!