އުތުރު މެރިޓައިމް ސަރވިސް (ޔޫ.އެމް.އެސް)ގެ ޚިދުމަތުގެ ތެރެއިން ހއ. އުލިގަމުގައި "ސީމަންސް ރެސްޓް އޭރިޔާ" ރަސްމީކޮށް އިއްޔެ ހުޅުވައިފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ބުނީ، އުލިގަމުގައި އިއްޔެ ހުޅުވި "ސީމަންސް ރެސްޓް އޭރިޔާ" އަކީ އުލިގަމުގައި އެ ކުންފުނިން ޤާއިމްކޮށްފައިވާ އިންޓަނޭޝަނަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް އިން އެތެރެވާ އުޅަނދު ފަހަރުގެ ފަޅުވެރިންނަށް، އެ ރަށުގައި މަޑުކޮށް، އަރާމުކޮށްލައި ބައެއް ކުޅިވަރުތައް ކުޅެވޭގޮތަށް ހަދާފައިވާ ތަނެއް ކަމަށެވެ.
އުތުރު މެރިޓައިމް ސަރވިސް (ޔޫ.އެމް.އެސް)ގެ ޚިދުމަތް ހޯދުމަށް އައި ފުރަތަމަ އުޅަނދު އިއްޔެ ހެނދުނު އިހަވަންދިއްޕޮޅުގައި ބަނދަރުކޮށްފައިވާއިރު، މި ބޯޓުގެ ކުރޫ ޗޭންޖްވާ ފަޅުވެރިން ވަނީ އިއްޔެ ހަވީރު އުލިގަމަށް ފައިބައި އުލިގަމުގައި ހަދާފައިވާ "ސީމަންސް ރެސްޓް އޭރިޔާ" ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.

ޔޫ.އެމް.އެސްގެ ދަށުން ތަޢާރަފްކުރި ބައެއް ޚިދުމަތްތައް ހޯދުމަށް މިއަދު ހެނދުނު އިހަވަންދިއްޕޮޅަށް ބަނދަރުކުރީ "ޖިއަން ޖިއޭ" ނަމަކަށް ކިޔާ ޕެނަމާގެ ތެޔޮ ޓޭންކަރެކެވެ.
ބަންކަރިން ޚިދުމަތް ދިނުމަށް މައި އޮފީސް ގޮތުގައި ހއ. އުލިގަމުގައި 'އުތުރު އައިއެސްޕީއެސް ގޭޓް' ހުޅުވާފައި ވަނީ 18 ސެޕްޓެމްބަރު 2024 ގައެވެ.
މިތަން މެދުވެރިކޮށް 14 ޚިދުމަތެއް ފޯރުކޮށްދޭން އެމްޕީއެލުން ނިންމާފައިވާއިރު، 24 ގަޑިއިރުގެ ކޯލްސެންޓަރެއް ވެސް ވަނީ ޤާއިމުކޮށްފައެވެ.
ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު އެއް މަޝްރޫ، ބަންކަރިން ޚިދުމަތް އިފްތިތާޙްކޮށްފައި ވަނީ 19 ސެޕްޓެމްބަރު 2024 ގައި ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!