ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ތިލަދެކުނު ފުޓްބޯޅަ މުބާރާތް 2024" ގެ ފައިނަލުގެ ފަހު ޖާގަ ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި އިއްޔެ ބައްދަލުކޮށްފައި ވަނީ އިންފިނިޓީ އެކަޑަމީއާއި ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބެވެ. މި މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބުކޮށް ނޮޅިވަރަންފަރުން ވަނީ ފައިނަލުން ޖާގަ ހޯދާފައެވެ.

Ad
rt

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ނޮޅިވަރަންފަރުންނެވެ. މެޗުގެ 24 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ހުސެއިން ޝަރީފެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ މި ނަތީޖާއިން ނޮޅިވަރަންފަރު ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ ފެށިތާ ދިހަވަރަކަށް މިނެޓްތެރޭ އިންފިނިޓީގެ މުހައްމަދު ނައުޝާދު ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ނަމަވެސް އޭގެ އެގާރަ މިނެޓް ފަހުން ނޮޅިވަރަންފަރުން ވަނީ ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މި ލަނޑު ޖަހައިދިނީ އިބްރާހީމް ވަހީދެވެ. މެޗުގެ 86 ވަނަ މިނެޓުގައި ނޮޅިވަރަންފަރަށް ތިންވަނަ ލަނޑު ޖަހައިދިނީ އަލީ ނަސޫހް އެވެ. އިންފިނިޓީގެ ދެވަނަ ލަނޑު 88 ވަނަ މިނެޓުގައި ޖެހީ އާދަމް ނަސީމެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ނޮޅިވަރަންފަރު ޓީމްގެ ޖޯޒީ ނަމްބަރު 5، އައްޒާމް އަބްދުﷲ އެވެ.

މުބާރާތުގެ ފައިނަލުގައި ބައްދަލުކުރާނީ ކުޅުދުއްފުށީ ކްލަބް ކޮރަލްސްއާއި ނޮޅިވަރަންފަރު ސްޕޯޓސް ކްލަބެވެ. ފައިނަލް މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހުއެވެ. މެޗު ފަށަން ހަމަޖެހިފައިވާ ގަޑިއަކީ 15:45 އެވެ.