ކައުންސިލް ތަކުން ހިންގަން ހުށަހަޅާ މަޝްރޫއުތަކަށް ސޮވެރިން ގެރެންޓީ ދޭން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އެގޮތަށް ވިދާޅުވީ ހދ. ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދިޔަ "ތިލަދުންމަތި އިރުވައި ކޮންފެރެންސް" ގައި ވާހަކަ ދައްކަވަމުންނެވެ.
އެ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު، ކައުންސިލް ތަކަށް މަޝްރޫއުތައް ހިންގުމުގެ ބާރު ލިބިގެން ގޮސްފައިވާ ކަމަށެވެ.
މިނިސްޓަރު އަމީރު ވިދާޅުވި ގޮތުގައި ހިލޭ އެހީ، ނުވަތަ ގްރާންޓާއެކު، ކައުންސިލަށް އިތުރު ފައިސާ ބޭނުންވާތީ، އެ ފައިސާ ހޯދަން ފިނޭންސަށް ޕްރޮޕޯސަލް ހުށަހަޅައިގެން ލޯނު ހޯދުމުގެ މެކޭނިޒަމެއް ހަމަޖައްސައި ދެއްވާނެކަމަށެވެ. އަދި މިހާރު ވެސް ސަރުކާރު ކުންފުނި ތަކަށް ސޮވެރިން ގެރެންޓީ ދީގެން މަސައްކަތް ކުރައްވާ ކަމަށާއި، އެގޮތަށް ކައުންސިލް ތަކަށް ވެސް ގެރެންޓީ ދޭނެ އުސޫލެއް ކަނޑައަޅުއްވާނެ ކަމަށެވެ.
ކައުންސިލްތަކުގެ ބަޖެޓް އަމާޒަކަށް ވެގެން ދާން ވާނީ ރައްޔިތުންނަށް ލިބޭ ފުދުންތެރިކަން އިތުރު ކުރުން ކަމަށާ، މިއާއެކު ކައުންސިލްތައް އިތުރަށް ޒިންމާދާރު ކުރެވޭނެ މެކޭނިޒަމްއެއް ވެސް ތައާރަފު ކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީރު އިތުރަށް ވިދާޅުވީ ޕީއެސްއައިޕީ ފަސް މިލިއަން ރުފިޔާ އަށް ވުރެ ދަށުގެ މަޝްރޫއުތައް ރަށު ކައުންސިލްތަކަށް ހިންގޭނެކަމަށެވެ. އަދި 15 މިލިއަން ރުފިޔާ އިން ދަށުގެ ޕްރޮޖެކްޓްތައް ސިޓީ ކައުންސިލް ތަކަށް ހިންގޭނެ ކަމަށެވެ. އެއާއކު ކައުންސިލް ތަކުން ކޮންމެ އަހަރަކު މެދު ރާސްތާގެ ބަޖެޓެއް ހުށަހަޅަން ވާނެކަމަށާއި، އަދި ކައުންސިލްތަކުގެ ހަރަދުތައް ބަލަހައްޓަން ވާނެކަމަށެވެ.
ކައުންސިލަރުންގެ މުސާރަ ބޮޑު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް މިއަދުވަނީ ޢިއުލާން ކުރަށްވާފައެވެ. ކައުންސިލްތަކުގެ މެންބަރުންގެ މުސާރަ ބޮޑުކޮށް ރައްޔިތުންގެ މަޖިލީހަށް ގޮތެއް ނިންމަން ފޮނުވާފައިވާ ކަމަށް މިއަދު ހާމަކުރެއްވީ ރައީސް ޞާލިޙެވެ.
މިއަދު ރައީސް ހާމަ ކުރެއްވި މައުލޫމާތުގައިވާ ގޮތުން ސިޓީތަކުގެ މޭޔަރުންނަށް ކަނޑައަޅާފައިވާ މުސާރައަކީ މަހަކު 40،000 ރުފިޔާ އެވެ. ޕިއުޓީ މޭޔަރުންގެ މުސާރައަކީ މަހަކު 35،000 ރުފިޔާ އެވެ. ސިޓީ ކައުންސިލްގެ މެންބަރުންގެ މުސާރައަކީ މަހަކު 30،000 ރުފިޔާ އެވެ.
މުޅި އަތޮޅުގެ މީހުން ވޯޓު ދީގެން އިންތިހާބު ކުރާ އަތޮޅު ކައުންސިލްގެ ރައީސްއަށް ދެނީ 28،000 ރުފިޔާގެ މުސާރައެކެވެ. މީގެ ކުރިން އަތޮޅު ކައުންސިލްގެ ރައީސަށް މުސާރައަށް ލިބެނީ މަހަކު 25،000 ރުފިޔާ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!