ވަގަށް ނަގާފައިވާ އިލެކްޓްރޯނިކް ސާމާނުތަކެއް ފެނުން މައްސަލާގައި ހައްޔަރުކުރި ދެމީހުން، އެ ތަކެތި ފޭރިގެންފައި ވަނީ ގެއަކަށް ވަދެ ވަޅިން ބިރުދައްކައިގެން ކަމުގައި ފުލުހުން ބުނެފިއެވެ.

މި މައްސަލައާއި ގުޅިގެން މިއަދު ފުލުހުން ފުރަތަމަ މީޑިއާއަށް ހިއްސާކުރި މައުލޫމާތުގައި ބުނީ އިއްޔެ ހަވީރު 16:05 ހާއިރު މާލޭގެ ގެއެއްގެ ތެރޭގައި ހުރި މީހެއްގެ އަތުން ވަގަށް ނަގާފައިވާ ކަމަށް ޝައްކުކުރެވޭ އިލެކްޓްރޯނިކް ސާމާނުތަކެއް ފެނުން މައްސަލާގެ ތުހުމަތުގައި ދިވެހި ދެ ފިރިހެނުން ހައްޔަރު ކޮށްފައިވާކަމަށެވެ. ފުލުހުން މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ ބ.ދަރަވަންދޫ ވިދުވަރު، ހުސެއިން ޝާއިފާއި މ. ދާރުލްގަރާރު އިސްމާއިލް ވިޝާލްއެވެ.

Ad
rt

މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލް މިއަދު ފުލުހުން ވަނީ މީޑިއާއަށް ހިއްސާކޮށްފައެވެ. މީޑިއާއަށް ފޮނުވި އަޕްޑޭޓުގައި ފުލުހުން ބުނީ މާފަންނު ގެއެއްގެ ފާހާނާ ފެންލައިޓުން ވަދެ ކޮޓަރީގައި ނިދާފައިތިބި ދެ މީހެއްގެ ކަރުގައި ވަޅިޖައްސައި، އެއްވެސް ހަރަކާތެއް ކޮށްފިނަމަ މަރާލާނެކަމަށް ބުނެ ބިރުދައްކައި އެ ދެމީހުންގެ މޮބައިލް ފޯނާއި ލެޕްޓޮޕަކާއި އެހެނިހެން ތަކެތި ފޭރުނު މައްސަލަ ސެޕްޓެމްބަރ 4 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ.

އިލެކްޓްރޯނިކް ސާމާނުތަކެއްގެ ވަގަށްނެގި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި

ފޭރުމަށްފަހު އެ ދެމީހުން ފިލައިގެން ގޮސްފައިވަނީ ފާހާނާއަށް ވަދެ އެތެރެއިން ތަޅުލުމަށްފަހު ގެންލައިޓުން ނުކުމެގެން ކަމުގައި ފުލުހުން ބުންޏެވެ.

މި ދެ މީހުން ރޭގެ ވަގުތެއްގައި ހައްޔަރުކޮށް އަދި އެ މީހުން އެ ގޭން ފޭރުނު ލެޕްޓޮޕްއާއި މޮބައިލް ފޯނުތައް ވަނީ ހޯދާފައި ކަމަށާއި އަދި އެ މީހުން ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ އެހެނިހެން ތަކެތިވެސް އެ ދެމީހުން އަތުން ފެނިފައިވާ ކަމުގައި ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.