ވަގަށް ނަގާފައިވާ އިލެކްޓްރޯނިކް ސާމާނުތަކެއް ފެނުން މައްސަލާގައި ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމުގައި ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ އިއްޔެ ހަވީރު 16:05 ހާއިރު މާލޭގެ ގެއެއްގެ ތެރޭގައި ހުރި މީހެއްގެ އަތުން ވަގަށް ނަގާފައިވާ ކަމަށް ޝައްކުކުރެވޭ އިލެކްޓްރޯނިކް ސާމާނުތަކެއް ފެނުން މައްސަލާގެ ތުހުމަތުގައި ދިވެހި ދެ ފިރިހެނުން ހައްޔަރު ކޮށްފައިވާކަމަށެވެ.
މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ ބ.ދަރަވަންދޫ ވިދުވަރު، ހުސެއިން ޝާއިފާއި މ. ދާރުލްގަރާރު އިސްމާއިލް ވިޝާލްއެވެ.
ފުލުހުން ބުނީ މި މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މާލޭގައި ވައްކަން ކުރުމަކީ ވަރަށް އާންމުކަމަކަށް ވެފައިވާއިރު، ވައްކަމުގެ އެކި މައްސަލަތަކުގައި މި އަހަރުތެރޭ ވެސް ގިނަބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. މިފަދަ މައްސަލަތަކުގައި ގިނައިން ހައްޔަރު ކޮށްފައި ވަނީ ތަފާތު ކުއްތަކުގެ ރެކޯޑް އޮންނަ މީހުންނެވެ. ހައްޔަރުކުރާތާ ކުޑަ ދުވަސްކޮޅެއް ފަހުން ގާނޫނީ ބާގަނޑުތަކުގެ ތެރެއިން ދެމިގަނެ މިފަދަ މީހުން މުޖުތަމައުތެރޭ މިނިވަންކަމާއިއެކު އުޅެމުންދާދިއުމާއިމެދު އަބަދުވެސް އާންމުންގެ ކަންބޮޑުވުން އޮވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!