•  
  •  
  •  
  •  
  •  
  •  

ދިވެހިންގެ ދިރިއުޅުން ބިނާވެފައި އޮތީ ކަނޑުތަކާއި ފަޅުތަކުން ލިބޭ ނަފާގެ މައްޗަށްކަމުން، އަންނަން އޮތް ޖީލުތަކަށް ރާއްޖޭގެ ކަނޑުފަޅުގެ މުއްސަނދިކަން ފޯރުކޮށްދިނުމަކީ އެންމެންގެ ބޮލުގައި އެޅިފައި އޮތް ވަރަށް މުހިންމު ވާޖިބެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ހދ. ނޭކުރެންދޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ރާއްޖޭގެ މެރިން ރިސާޗް އިންސްޓިޓިއުޓް ގުޅިގެން ކުރިޔަށް ގެންދާ ޙަރަކާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދު ބޭއްވެވި މި ޙަރަކާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ކަނޑުތަކާއި ފަޅުތަކުގައި މިހާރު ކުރަމުންދާ ދިރާސާއަކީ މިހާ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ކުރެވޭ މިފަދަ އެންމެ ބޮޑު މަސައްކަތްކަން ފާހަގަ ކުރައްވައި، މި ދިރާސާ ކުރިޔަށްގެންދަވާ ކަމަށްޓަކައި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގެ ހުރިހާ ބައިވެރިންނާއި އަދި ރާއްޖޭގެ މެރިން ރިސާޗް އިންސްޓިޓިއުޓްގެ ބޭފުޅުންނަށް ދިވެހި ސަރުކާރާއި ރާއްޖޭގެ ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިފަދަ ދިރާސާއެއް ރާއްޖެއަށް އެހާ މުހިންމުވާ ސަބަބަކީ ރާއްޖެއަކީ އުފެދުމުގައިވެސް ކަނޑުގެ ސަރަޙައްދު ބޮޑު ޤައުމަކަށް ވެފައި ރާއްޖޭގެ އިޤްތިޞާދު މައިގަނޑު ގޮތެއްގައި ބިނާވެފައިވާ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ސިނާޢަތުގެ ފައިދާ އެންމެ އެދެވޭ ގޮތަށް ހޯދުމަށް މި ދިރާސާއިން އެހީތެރިކަން ލިބޭނެތީކަމުގައި ވިދާޅުވިެމއެވެ.

މި ދިރާސާއަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާން ވިދާޅުވީ މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ދެ މަރުޙަލާއަކަށް ބަހާލައިގެންކަމުގައެވެ. އެގޮތުން ފުރަތަމަ މަރުޙަލާއަކީ ރާއްޖޭގެ ކަނޑުތަކުގެ ދިރުންތަކުގެ ބޯހިމެނުމުގެ މަސައްކަތްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ދިރާސާގެ ތެރޭގައި މި ތަކެއްޗަށް ގެއްލުން ލިބެނީ ކޮންކަހަލަ ކަމަކުންތޯ ހޯދާ ބަލާނެކަމަށާއި، މި ދިރާސާއިން ލިބޭ މަޢުލޫމާތުގެ އަލީގައި އެކުލަވާލެވޭ ކަރުދާސް ޢާންމުކުރެވިގެން ދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މި ދިރާސާގެ ދެވަނަ މަރުޙަލާއަކީ ދިރާސާގެ އަލީގައި އެކުލަވާލެވޭ ކަރުދާހަށް ރިޢާއަތްކޮށް ކަނޑުތަކާއި ފަރުތައް ހިމާޔަތްކުރަން ޖެހޭ ސިޔާސަތުތައް ސަރުކާރުން ކަނޑައެޅުއްވުމެވެ. އަދި މީގެ ދަށުން އެކުލަވާލެވޭ ސިޔާސަތުގެ ތެރެއިންހިމާޔަތްކުރެވޭ ތަންތަނުން ލިބެން އޮތް އެންމެ ރަނގަޅު ފައިދާއެއް ހޯދޭނެ ގޮތް އެކުލަވާލެވިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ލާމަރުކަޒީ ޤާނޫނަށް ގެނެވުނު ބަދަލުތަކާއެކު ރަށްރަށުގެ ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދޫކޮށްލާފައިވާކަން ފާހަގަކުރައްވާ ރަށްރަށުގެ އިޙްތިޞާޞް ކަނޑައެޅިގެންދާ ހިނދު އެތަންތަން ޙިމާޔަތް ކުރުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރަނީ ކައުންސިލުން ކަން ފާހަގަކުރައްވާ އެބޭފުޅުންގެ ޒިންމާތަކަށް އަލިއަޅުއްވާލައްވާފައެވެ.

ޚިޔާލު

Your email address will not be published.

More in ކުޑަ