މާލެއިން ކުޅުދުއްފުށި ސިޓީ އަށް ދަތުރުކުރާ ބިދޭސީންނަކީ ވެލިޑް ވޯރކް ވިސާއެއް އޮތް ފަރާތެއްކަން ކަށަވަރު ކުރެއްވުމަށްފަހު ދަތުރުކުރުމުގެ ހުއްދަ ދިނުމަށް އޮޑިވެރިންގެ ކިބައިން އެދެފި އެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލާއި، ކުޅުދުއްފުށި ސިޓީ ޕޮލިސް އަދި މޯލްޑިވްސް އިމިގްރޭޝަންގެ ނޯތު ރީޖަނަލް އޮފީސް ގުޅިގެން، މާލެއާއި ކުޅުދުއްފުށި ސިޓީއާ ދެމެދު ދަތުރުކުރާ ބޯޓުތަކުން ގިނަ އަދަދެއްގެ ބިދޭސީން ކުޅުދުއްފުށްޓަށް އެތެރެވުން ހުއްޓުވުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލެ ދަތުރުކުރާ ބޯޓުފަހަރުގެ ވެރިންނާއެކު މިއަދު ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ.

Ad
rt

މި ބައްދަލުވުމުގައި، މާލެއިން ކުޅުދުއްފުށްޓަށް ދަތުރުކުރާ ބިދޭސީންނަކީ ވެލިޑް ވޯކް ވިސާއެއް އޮތް ފަރާތެއްކަން ކަށަވަރު ކުރުމަށްފަހު ދަތުރުކުރުމުގެ ހުއްދަ ދިނުމަށް އޮޑިވެރިންގެ ކިބައިން އެދިފައިވެއެވެ. މީގެ އިތުރުން، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ރަށަށް އެތެރެވާ މިންވަރު ކުޑަކުރުމަށް އަޅާނެ އިތުރު ފިޔަވަޅުތަކެއްވެސް ކަނޑައަޅާފައިވާކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.

އިއްޔެ ކުޅުދުއްފުށްޓަށް ދިޔަ ބޯޓެއް ބަލައި ފާސްކުރުމަށްފަހު، އެ ބޯޓުން އެރަށަށް ދަތުރުކުރި ބިދޭސީންގެ ތެރެއިން ގަވާއިދާ ޚިލާފަށް ތިބި 9 ބިދޭސީއަކަށް ނޯޓިސް ދީ، އެ ބޯޓުގެ ކެޕްޓަނަށް ނަސޭހަތްތެރިވެފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފައިވެއެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި، ކުޅުދުއްފުށި ޕޮލިސް އަދި އިމިގްރޭޝަން ގުޅިގެންނެވެ.

އިމިގްރޭޝަނުން އިތުރަށް ބުނެފައިވަނީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މާލެ ދޫކޮށް ރާއްޖޭގެ އެކި ރަށްރަށަށް ދާކަމުގެ ރިޕޯޓު ލިބެމުންދާތީ، މި މައްސަލައަށް ޙައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ އެ އެންގުމާ އެއްގޮތަށް އަމަލުނުކޮށްފިނަމަ އިމިގްރޭޝަން ޤާނޫނުގެ ދަށުން މިފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.