ވަޅިން ބިރުދައްކައި އަންހެނަކު ރަހީނުކުރި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ އާދަމް އަތުހަރު މިއަދު މަރުވެއްޖެ އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ޖަލުގައި ދަންޖެހުމުން ހާލު ދެރަވެ ފަރުވާ ދެމުން ދަނިކޮށް މިއަދު ހަވީރު 4:08 ހާއިރު އައިޖީއެމްއެޗްގައި އަތުހަރު މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށެވެ.

Ad
rt

މަރުވި ސަބަބު ދެނެގަތުމަށް އަތުހަރުގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހަދަން ވެސް ނިންމާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ޝަރީއަތް ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އޭނާ ދަންޖެހުނު މައްސަލާގައި ފުލުހުން ވަނީ ތަހުގީގެއް ފަށައިފަ އެވެ.

އަތުހަރު ހައްޔަރުކުރީ އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި، ރަހީނުކޮށްގެން ސައިކަލެއްގައި ދަނިކޮށް ފުލުހުން އޭނާ ހިފެހެއްޓުމަށް ފަހުއެވެ. އޭނާ ހައްޔަރުކުރުމަށް ފުލުހުން މުގުރު ބޭނުންކުރި އެވެ. އެއަށްފަހު އޭނާގެ ބޮލުން ލޭ ފައިބާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވެފައިވާއިރު، އޭނާއަށް ފުރަތަމަ އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު އައިޖީއެމްއެޗްގައި ވެސް ފަރުވާދީފައިވެއެވެ.