ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ޗެއަރޕަރސަން އަރޫނީ ގޫނަތިލަކަ އަދި ސީ.އީ.އޯ ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި މިއަދު ބައްދަލުކުރަށްވައިފިއެވެ.
ރައީސް އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ވެރިން ވަނީ މާލީ ދާއިރާގައި އެބޭފުޅުންގެ ހުރި ތަޖުރިބާގެ ބޭނުންކޮށްގެން ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވާ ސިންދަފާތު ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ރައީސް އާއި މަޝްވަރާކުރައްވާފައިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ ހިމެނޭ، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް އުފެއްދެވީ 16 މެއި 2024 ގައެވެ.
މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމަށް އުފެއްދި ކުންފުންޏެކެވެ.
ޑިވެލޮޕްމަންޓް ބޭންކްގެ ޗެއާރޕަރސަން އަރޫނީ ގޫނަތިލަކަ
ބިޒްނަސް އޮރިޖިނޭޝަން، ގަވަރނަންސް، ކްރެޑިޓް އެސެސްމަންޓް އަދި އަލަށް ވުޖޫދުވަމުން އަންނަ މާކެޓްތަކުގެ ރިސްކް މެނޭޖުކުރުމުގެ ދާއިރާއިން ޚާއްސަވެފައިވާ ބައިނަލްއަޤްވާމީ ފައިނޭންސިއަލް މާކެޓްގެ ފައިނޭންސިއަލް ސަރވިސް ތަޖުރިބާކާރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ، އަރޫނީ ގޫނަތިލަކަ އަކީ، ކޯޕަރޭޓް ބޭންކިންގ، ކްރެޑިޓް، ރިސްކް މެނޭޖްމަންޓް، އަދި ސްރީލަންކާގެ ބޭންކުތަކާ އިންޓަރނޭޝަނަލް ބޭންކުތަކުގެ އިންޓަރނަލް އޯޑިޓިންގައި ވެސް މުހިންމު ރޯލެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
ޑިވެލޮޕްމަންޓް ބޭންކްގެ ސީ.އީ.އޯ ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ޗެއާރޕަރސަން އަކީ ހާވަރޑް ޔުނިވަރސިޓީން މާސްޓަރ އޮފް ލޯ ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އަދި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ސީ.އީއޯއަކީ އިލެކްޓްރިކް ވެހިކަލް އެފްރިކާ ފަންޑުގެ ޗެއާޕަރސަންގެ އިތުރުން އިރުދެކުނު އޭސިއާގައި ކްލީން އެނާޖީ ޕްރޮޖެކްޓްތައް މެނޭޖުކުރައްވައި ގްރީން ފައިނޭންސް އަދި އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓުގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ހުނަރާ ގާބިލުކަން ދައްކަވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީން މެނޭޖުމަންޓް ސްޓަޑީސްގެ ދާއިރާއިން މާސްޓަރ އޮފް ފިލޯސަފީ ހާސިލު ކުރައްވާފައެވެ.
ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދީ ތަރައްޤީގެ ތަސައްވުރުގައި ހިމަނާފައިވާ ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!