ހދ. ކުޅުދުއްފުށި ސިޓީގައި ހުންނަ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އުތުރު ސަރަޙައްދީ އޮފީހަށް، އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ވަނީ ރަސްމީ ދަތުރެއް ކުރައްވާ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވައިފި އެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އިއްޔެ ހާމަކުރި ގޮތުގައި، މިދަތުރު ކުރެއްވީ މިމަހުގެ 20 ވަނަ ދުވަހުން 23 ގެ ނިޔަލަށެވެ.

Ad
rt

މި ދަތުރުފުޅުގައި އޮޑިޓަރ ޖެނެރަލް ވަނީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި، އަތޮޅު ކައުންސިލާއި، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި، އަދި ފެނަކަ ކުޅުދުއްފުށީގެ އިސްވެރިންނާއި މެނޭޖްމަންޓާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުންތަކުގައި ބަޖެޓު ޚަރަދުކުރުމާއި، މާލީ މެނޭޖްމަންޓާއި، މާލީ ރިޕޯޓު ތައްޔާރުކުރުމާއި އަދި އޮޑިޓާ ގުޅުންހުރި މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެއެވެ.

މީގެއިތުރުން، އޮޑިޓަރ ޖެނެރަލް ވަނީ އުތުރު ސަރަޙައްދީ އޮފީހުގެ މުވައްޒަފުންނާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި އުތުރު ސަރަޙައްދީ އޮފީހުން ކުރިއަށްގެންދާ އޮޑިޓުތަކާ ބެހޭގޮތުން، ޚާއްޞަކޮށް ކުޅުދުއްފުށި ފެނަކައިގެ ކޮމްޕްލަޔަންސް އޮޑިޓާ ބެހޭގޮތުން މަޢުލޫމާތު ދެވުނެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އުތުރު ސަރަޙައްދީ އޮފީސް ހުޅުވުނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. މި އޮފީހުގެ މަޤްޞަދަކީ އުތުރުގެ އަތޮޅުތަކުގައި ހުރި ސަރުކާރުގެ އިދާރާތަކަށް އޮޑިޓު ޚިދުމަތް ފޯރުކޮށްދިނުން ކަމުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކޮށްފައިވެއެވެ.