ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ބޭނުންވާ ވަރަށް ޑޮލަރު ނުލިބޭކަމަށް ބުނެ އިއްޔެ ނިންމާފައިވާ ނިންމުންތަކުގެ ފަހަތުގައި ވަނީ ''ބަޣާވާތެއް'' ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ސިފަކުރަށްވައިފިއެވެ.

ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިހާރު ކުރިއަށް ގެންދާ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ މި ސަރުކާރުގެ ދައުރު ފެށުނުތަނާހެން އެމްޑީޕީން އިސްވެ އޮވެ ގެންނަން އުޅުނު ބަޣާވާތެއް ނާކާމިޔާބުކޮށްލެވިފައިވާކަމަށް ވިދާޅުވެފައެވެ.

Ad
rt

އެއަށްފަހު ދެއްކެވި ވާހަކަފުޅުގައި ގައުމީ ބޭންކްގެ އިއްޔެ ނިންމުމަކީ ވެސް ބަޣާވާތެއްކަމަށް ރައީސް ސިފަކުރަށްވާފައިވާއިރު، އެއީ މި ސަރުކާރާއި ކުރިމަތިވި ދެވަނަ ބަޣާވާަަތްކަމަށް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، ބީއެމްއެލްއިން އެ ނިންމުން ނިންމީ، އެހެން އެކަން ނުކުރުމަށް ސަރުކާރުން ތަކުރާރުކޮށް އެދެމުންދަނިކޮށްކަމަށާއި، އެއީ ޤައުމީ ބޭންކް ކަމުން ސަރުކާރުގެ ކޮންޓްރޯލް އޮންނާނެކަމަށް އާންމުންނަށް ހީވިނަމަވެސް، އަދި ބެންކްގެ ބޯޑުގައި ސަރުކާރުގެ ކޮންޓްރޯލް ނެތްކަމަށް ވިދާޅުވިއެވެ.

ޕްރެޝަރު ބޮޑުވުމުން ޤައުމީ ބޭންކުގެ ނިންމުން ބަދަލުކޮށްފި

ބޭންކްގެ އެ ނިންމުމާއި ގުޅިގެން އެމްޑީޕީން، ކުރީގެ މާލީ ވަޒީރު އިސްވެ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމާއި، އަވަށްޓެރި ބައެއް ޤައުމުތަކުގެ ސަރުކާރުތަކާއި ދެކޮޅަށް މިފަހުން ރައްޔިތުން ނުކުތްހެން ރާއްޖޭގެ ސަރުކާރާއި ދެކޮޅަށް ނުކުތުމަށް މީސްމީޑިއާގައި ގޮވައިލުންފަދަ ''ޑޮޓްތައް ގުޅުވާލުމުން'' އެއީ ބަޣާވާތެއްކަމަށް ދަންނަވަން ބާރުލިބޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެކަމުގައި އެއީ ބަޣާވާތެއްކަމަށް ބެލެވޭކަންކަން ހުރުމުން، ފުލުންގެ ޚިދުމަތުން އެކަން ބަލަންފަށާފައިވާކަން މިރޭ ހާމަކޮށްފައިވުމާއެކު، ފުލުހުން ހިންގާ މިނިވަން ތަޙްޤީޤުގެ ނަތީޖާއިން ފިޔަވަޅު އަޅަންޖެހެނީ ކޮންމެ މީހަކަށް ނަމަވެސް ސަރުކާރުން އެކަން ތަންފީޒުކުރަށްވާނެކަމަށެވެ.

ރައީސް ވަނީ ފުލުހުންގެ ތަޙްޤީޤަށާއި، ކޯޓުތަކަށް ވެސް މި ސަރުކާރުން އެއްވެސް ނުފޫޒެއް ނުފޯރުވާނެކަމަށާއި، ކޯޓުތަކަށް ނުފޫޒު ފޯރުވުން ހުއްޓުމަކަށް ގެނައީ މި ސަރުކާރުން، އެމަނިކުފާނުކަމަށް ވިދާޅުވެފައެވެ.