ފުވައްމުލަށް ސިޓީ ކައުންސިލުން ތަޖުރިބާ ދަތުރެއްގައި ހއ. އަދި ހދ. ގެ ބައެއް ރަށްތަކަށް ދަތުރެއް ފަށައިފި އެވެ.

މިދަތުރުގައި ފުވައްމުލަށް ސިޓީ ކައުންސިލުގެ މޭޔަރާއި، ކައުންސިލަރުންނާއި، ސެކްރެޓަރީ ޖެނެރަލް އަދި ކައުންސިލް އިދާރާގެ މުވައްޒަފުން ބައިވެރިވެއެވެ.

Ad
rt

ހއ. އަދި ހދ. އަތޮޅުގެ ރަށްތަކަށް ކުރަމުންދާ ތަޖުރިބާ ދަތުރުގެ ތެރެއިން މިއަދު ވަނީ ކުޅުދުއްފުށި ސިޓީއަށް ޒިޔާރަތްކޮށްފަ އެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވިގޮތުގައި، މި ޒިޔާރަތުގައި ފުވައްމުލަށް ސިޓީ ކައުންސިލުގެ ވަފުދުން ކުޅުދުއްފުށި ސިޓީ ކައުންސިލާ ބައްދަލުކޮށް، ދެ ސިޓީ ކައުންސިލުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މަޢުލޫމާތު ހިއްސާކުރިއެވެ. އަދި ދެ ފަރާތް ގުޅިގެން ކުރެވިދާނެ ކަންތައްތަކާ މެދު މަޝްވަރާކުރިއެވެ.

މީގެ އިތުރުން، ފުވައްމުލަށް ސިޓީ ކައުންސިލުގެ ވަފުދުން ކުޅުދުއްފުށި ސިޓީ ކައުންސިލް އިދާރާގެ އެކި ސެކްޝަންތަކަށް ޒިޔާރަތްކޮށް، އިދާރާގެ މަސައްކަތްތައް ހިނގާ ގޮތުގެ ތަޖުރިބާ ހޯދައި، ޚިޔާލު ބަދަލުކުރިއެވެ.

ދެކައުންސިލުން ވަނީ މިއަދު މުހިންމު އެއްވަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެއީ، ކުޅުދުއްފުށި ސިޓީ ކައުންސިލާއި ފުވައްމުލަށް ސިޓީ ކައުންސިލާއި ދެމެދު މުވައްޒަފުންގެ ޕްރޮފެޝަނަލް ޑެވެލޮޕްމަންޓަށާއި ތަޖުރިބާ ހިއްސާކުރުމަށް ވެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން 2 ކައުންސިލްގެ މުވައްޒަފުން ތަޖުރިބާ ހާސިލްކުރުމަށް 2 ކައުންސިލްގެ ދެމެދުގައި ވަގުތީގޮތުން މުވައްޒަފުން ބަދަލުކުރުމާއި، އިދާރީ ހިންގުން ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ހަމަޖެހިފައިވާކަަމަށް ކުޅުދުއްފުށީ ކައުންސިލުން ވިދާޅުވި އެވެ.

މި ދަތުރަކީ ފުވައްމުލަށް ސިޓީ ކައުންސިލުން އުތުރުގެ ރަށްތަކުގެ ތަޖުރިބާ ހޯދުމަށް ކުރަމުންދާ ދަތުރެއްކަން ފާހަގަކުރެވެއެވެ. މި ދަތުރުގެ ސަބަބުން ދެ ސިޓީ ކައުންސިލު ދެމެދު ގުޅުން ބަދަހިވެ، އެއް ސިޓީއިން އަނެއް ސިޓީއަށް ފައިދާހުރި ތަޖުރިބާތައް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.