ދިވެހިރާއްޖޭގެ ސްޓޭޓް އަދި ނައިބު ވަޒީރުންނަށް އަމާޒުކޮށްގެން ''މޯލްޑިވްސް އެގްޒެކެޓިވް ލީޑަރޝިޕް'' ޕްރޮގްރާމް އިފްތިތާޙްކުރަން ތައްޔާރުވެއްޖެއެވެ.

ރައީސް އޮފީހުން ބުނިގޮތުގައި، މިއީ ރާއްޖެއާއި، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އާއިއެކު ސޮއިކޮށްފައިވާ "އެކްސްޕީރިއެންސް އެކްސްޗޭންޖް އޮން ގަވަރންމަންޓް ޑިވެލޮޕްމަންޓް އެންޑް މޮޑަނައިޒޭޝަން" ފަހުމްނާމާގެ ދަށުން ކުރިއަށް ގެންދާ ތަމްރީނާ ތަޖުރިބާ ބަދަލު ކުރުމުގެ ޕްރޮގްރާމެއްކަމަށެވެ.

Ad
rt

އަންނަ އަންގާރަ ދުވަހު ފަށަން ނިންމާފައިވާ މި ޕްރޮގްރާމް ކުރިއަށްގެންދަން ނިންމާފައި ވަނީ މޯލްޑިވްސް ލީޑަރޝިޕް ޕުރޮގުރާމުގެ ދެވަނަ ބެޗުގެ ގޮތުގައެވެ. އަދި މިއީ ޔޫއޭއީ ގެ މިނިސްޓްރީ އޮފް ކެބިނެޓް އެފެއާޒުން ކުރިއަށް ގެންދަވާ "ގަވަރމަންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ޕްރޮގްރާމް"ގެ ކެޕޭސިޓީ ބިލްޑިންގ ވަރކްސްޓްރީމްގެ ދަށުން ޔޫއޭއީ ސަރުކާރުން ހިންގާ ލީޑަރޝިޕް ޕްރޮގްރާމުގެ ދެވަނަ ބެޗެވެ.

މި ފަހަރުގެ ޕުރޮގުރާމު އަމާޒުކޮށްފައި ވަނީ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި އެ ފެންވަރުގެ މަގާމުތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަށްކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ޕްރޮޮގްރާމް ފަރުމާކޮށްފައި ވަނީ ވަރކްޝޮޕް ސެޝަންތަކާއި އޮންލައިން ސެޝަންތަކާއި އަދި ފީލްޑް ވިޒިޓްތައް ހިމެނޭ ގޮތަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ ރާއްޖެއާއި ޔޫއޭއީ އާއި ދެ ޤައުމުގައި ވެސް ޕްރޮގްރާމްގެ ބައިތައް ކުރިއަށް ގެންދާ ގޮތަށެވެ.

3 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕުރޮގުރާމު ފުރިހަމަކުރާ ބައިވެރިންގެ ގްރެޖުއޭޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ 2025 ވަނަ އަހަރުގެ ފެބުރުވަރީ މަހު ޔޫއޭއީ ގައި އޮންނަ ވާރލްޑް ގަވަރންމަންޓް ސަމިޓުގައެވެ.

މިއީ ޔޫއޭއީގެ ސަރުކާރުގެ ޚަރަދުގައި ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމެކެވެ.