ހދ.ކުޅުދުއްފުށީގައި ބާއްވާ "ހޮނިހިރު ބާޒާރު" ބާއްވާ ސަރަހައްދުގައި، ހޮނިހިރު ދުވަސް ފިޔަވައި އެހެނިހެން ދުވަސް ދުވަހު ވިޔަފާރި ކުރުމަކީ މަނާކަމެއް ކަމުގައި ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނެފިއެވެ.
ކުޅުދުއްފުށި ސިޓީއަށް ހާއްސަ، ހޮނިހިރު ބާޒާރަކީ ބޮޑު ތިލަދުންމަތީގެ ދަނޑުވެރި ވިޔަފާރިތަކާއި، ހޯމްބޭސްޑް ވިޔަފާރިވެރިންގެ އުފެއްދުންތައް މާރކެޓްކޮށް، ވިއްކުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ޒަމާނުއްސުރެ ކޮންމެ ހޮނިހިރު ދުވަހަކު ބާއްވަމުން އަންނަ އަދި ބޮޑު ތަރުހީބެއް ލިބެމުން އަންނަ، މުހިއްމު އިގްތިޞާދީ ހަރަކާތެކެވެ.
އެ ކައުންސިލުން ބުނީ ހަފްތާގެ އެހެން ދުވަސްތަކުގައި ހޮނިހިރު ބާޒާރު ބާއްވާ ސަރަހައްދުގައި ދަނޑުވެރިކަމުގެ އުފެއްދުންތަކާއި އަދި އެހެނިހެން ބާވަތްތަކުގެ މުދާ ވިއްކަމުން އަންނަކަން އެ ކައުންސިލަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ހޮނިހިރު ބާޒާރުގައި ތަކެތި ވިއްކުމަށް އެ ކައުންސިލުން ކަނޑައަޅާފައި ވަނީ، ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އިން ހަވީރު 16:00 އަށެވެ.
ކުޅުދުއްފުށީ ހޮނިހިރު ބާޒާރަކީ އުތުރުގެ ތިން އަތޮޅުގެ ދަނޑުވެރިންގެ މެދުގައި މަގުބޫލް ބާޒާރެކެވެ. ތިލަދުންމަތީގެ ރަށްތަކުގައި ހައްދާ ތަފާތު މޭވާއާއި ތަރުކާރީ މި ބާޒާރުން ކޮންމެ ހޮނިހިރު ދުވަހަކު ލިބެން ހުރެއެވެ. މި ބޮޑު ހަރަކާތް ކޮންމެ ހޮނިހިރު ދުވަހަކު އޮންނަނީ ކުޅުދުއްފުށީ ހޮސްޕިޓަލުގެ އުތުރުގައި، ގަސްހެދި ހިޔާވެފައި އޮންނަ ހުސް ބިމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!