މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ގދ. ގައްދޫގައި މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރިކުރުމާކަމަށް ފުލުހުންގެ އިންޓެލެޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެރަށުގައި އިއްޔެ ވަނީ އޮޕަރޭޝަނެއް ހިންގާފައެވެ.

Ad
rt

މި އޮޕަރޭޝަންގައި މީހަކު ހައްޔަރުކޮށް، އޭނާގެ ވަނަވަރު ފުލުހުން މިއަދު ވަނީ އާންމުކޮށްފައެވެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ އަލީ ނާސިރު، ފަހާގެ/ގދ. ގައްދޫ (38އ) އެވެ.

ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް، ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

''މި ތަކެތީގެ ވަގުތީ ބަރުދަނަކީ 96.45 ގްރާމް'' ފުލުހުން ބުނެފަވެއެވެ.

މި މައްސަލައާއި ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ.

މި މައްސަލަ ތަހްގީގުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.