މާލޭ ސިޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް މި ސަރުކާރުން ފަށާ މަޝްރޫއު ނިމުމުން، މާލޭ އަށް ކުރިމަތިވެފައިވާ ފެެންބޮޑުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރާގައި މާލެއަށް ބޯ ކެރިވެހި ބޮޑުބަޔެއްގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ.

Ad
rt

ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ފަށާ މަޝްރޫއުގެ އެންމެ މުހިއްމު އެއް އަމާޒަކީ މާލޭގައި ފެންް ބޮޑުވުން ޙައްލުކުރުން ކަމަށެވެ.

''އެ މަޝްރޫއު ނިމިގެން ދާއިރު މާލޭގައި ޒަމާނުއްސުރެ ބޮޑުވެފައިވާ ފެެންބޮޑުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެ. ހަމަ އެފަދައިން ރާއްޖޭގެ ގިނަ ރަށްތަކެއްގެ މަގުހެދުމުގެ މަޝްރޫއު ކޮންމެ އަހަރަކުވެސް ޕްލޭން ކޮށްފައިވާ ގޮތަށް، އިސްކަންދީގެން ކުރިޔަށް ގެންދެވުމުން އެ ރަށްރަށުގައިވެސް އެ ޙައްލު ލިބިގެންދާނެ.'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ވަނީ މިހާރު ރާއްޖޭގެ އެކި އަތޮޅުތަކާއި މާލެއަށް ކުރަމުންދާ ވިއްސާރައިގައި ގެއްލުންވަމުންދާ އެންމެހާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުން އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަޤީންކަން ވެސް ދެއްވާފައެވެ.

މިފަދަ ގަދަ ވިއްސާރާގައި ޢާއްމު ދިރިއުޅުމަށާއި ގެދޮރާއި މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކުރަންޖެހޭ މުހިއްމު މަސައްކަތްތައް އެންމެހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު ކުރެވި ނަތީޖާ ނެރެދެވޭނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.