ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރައާއި ގުޅިގެން ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފައި ވުމާއެކު، މޫސުމާއި ގުޅިގެން އެމްޓީސީގެ ފެރީ އޮޕަރޭޓްކުރާ ބައެއް ރޫޓްތަކުގެ ދަތުރުތައް ކެންސަލް ކުރަންޖެހުން އެކަށީގެންވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނީގެ ކަސްޓަމަރުންގެ ސަމާލުކަމަށް ނެރުނު މެސެޖެއްގައި މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ދިވެހިރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށްވާރޭވެހި، ވިލާގަނޑުގައި 45 މޭލާއި ހަމައަށް ވައިގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާކަން ފާހަގަކޮށް، ދަތުރުކުރުމުގައި ސަމާލުވެ، ރައްކާތެރިކަމަށް އިލްތިމާސްކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

Ad
rt

އެހެންކަމުން އެ ކުންފުނިން ދެމުންދާ ފެރީގެ ޚިދުމަތުގައި ހިމެނޭ ބައެއް ރޫޓްތަކުގެ ފެރީތައް ކެންސަލް ކުރަންޖެހުން އެކަށީގެންވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެހެންނަމަވެސް ފެރީތައް ކެންސަލް ކުރާނީ މޫސުންތަންދޭ މިންވަރަކުން ފެރީ ދަތުރުތައް އެއްކޮށް ކެންސަލް ނުކޮށްވޭތޯ މަސައްކަތްކުރާނެކަމަށް ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނީ މިހާލަތާއި ގުޅިގެން ކެންސަލްވާ އާރުޓީއެލް ފެރީތަކުގެ ޓިކެޓް އެހެން ދުވަހަކަށް ބަދަލުކުރެވޭނެ ކަމަށެވެ.

މިހެން ދިމާވުމުން ދިމާވެދާނެ ދަތިތަކަށްޓަކައި އެކުންފުނިން ވަނީ ކަސްޓަމަރުންގެ ކިބައިން މަޢާފަށް އެދިފައެވެ.

އެމްޓީސީސީން ދޭ ފެރީގެ ޚިދުމަތަކީ ވަރަށް ގިނަ ބަޔެއްގެ ބޭނުންތަކާއި ގުޅިފައިވާ މުހިންމު އަސާސީ ޚިދުމަތެކެވެ. މި ޚިދުމަތުގެ ސަބަބުން ރައްޔިތުން ދަތުރަށް ކުރަންޖެހޭ ހޭދަ ބޮޑުތަނުން ކުޑަވެ، ދަތުރުގެ ހިތްފަސޭހަކަމާއި، ރައްކާތެރިކަމުގެ ޔަޤީންކަން ވަނީ އިތުރުކޮށްދީފައެވެ. އެކުންފުނިން އާރުޓީއެލް ލޯންޗް ފެރީގެ ޚިދުމަތްދޭ ސަރަހައްދުތަކުގައި އެކުންފުނިން ބޭނުންކުރަނީ ގަދަކަނޑުގައި ދުއްވުމަށް ވެސް އެންމެ އެކަށޭނަ ގޮތައް ބަނދެފައި ހުންނަ ލޯންޗް ފަހަރެވެ.