މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އިހަވަންދޫގެ ނަރުދަމާ ނެޓްވޯރކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށް ފެނަކަ ކޯޕަރޭޝަންގެ އިހަވަންދޫ ބްރާންޗުން މަޢުލޫމާތު ދީފިއެވެ.

ފެނަކައިން ބުނާ ގޮތުގައި، މިވަގުތު ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ޕަންޕް ސްޓޭޝަންތަކަށް އާދަޔާ ޚިލާފަށް ނެޓްވޯރކްގެ ތެރެއިން ވާރޭފެން އެޅި، ޕަންޕްތަކަށް ކޮންޓްރޯލް ނުވެގެން ސްޓޭޝަންތައް ފުރެމުން އަންނަކަން ވަނީ ފާހަގަކުރެވިފައެވެ. މި މައްސަލަ ވަގުތުން ހައްލު ނުކުރެވިއްޖެނަމަ، ޕަންޕިން ސްޓޭޝަންތައް ފުރި ގެތަކުގެ ފާހާނާތަކުން ފެންބޮޑުވެ ނަޖިސް ބޭރުވެދާނެކަމުގެ ބިރު އޮތްކަމަށް ފެނަކައިން ވަނީ އިންޒާރުދީފައެވެ.

Ad
rt

މި ނުރައްކާތެރި ހާލަތާ ގުޅިގެން، ފެނަކައިން ވަނީ ރަށުގެ ހުރިހާ ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ. އެގޮތުން، އެއްވެސް ގެއެއްގެ ފުރާޅުގެ ދިޔަދޮވިން އެޅޭ ފެން ނަރުދަމާގެ ނެޓްވޯރކް ތެރެއަށް އެޅޭގޮތަށް ހުރިނަމަ، އެކަން މިހާރުން މިހާރަށް ހައްލުކޮށްދިނުމަށް އެދިފައިވެއެވެ. އަދި ވާރޭވެހޭއިރު ފުރާޅުން ނުވަތަ އެނޫންވެސް ގޮތަކުން ވާރޭފެން ނެޓްވޯރކްތެރެއަށް އެޅޭގޮތަށް ބެހެއްޓުމަކީ މަނާކަމެއްކަން ފެނަކައިން ވަނީ ހަނދާންކޮށްދީފައެވެ.

މި މައްސަލައަކީ މުޅި ރަށުގެ ނަރުދަމާ ނިޒާމަށް ނޭދެވޭ އަސަރުކޮށްފާނެ ކަމެއްކަމަށްވާތީ، ހުރިހާ ރައްޔިތުންގެ އެއްބާރުލުން މިކަމުގައި ބޭނުންވާކަމަށް ފެނަކައިން ބުނެފައިވެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ނުވަތަ ރިޕޯޓުކުރުމަށް ފެނަކަ އިހަވަންދޫ ބްރާންޗާ ގުޅުމަށް ވެސް ވަނީ އެދިފައެވެ.

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި 9 ރަށެއްގައި ފެން ބޮޑުވެގެން ރިޕޯޓްކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން އިއްޔެ ބުނެފައިވެއެވެ.

އެ ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ.ބާރަށް، ހއ.ދިއްދޫ، ކުޅުދުއްފުށި ސިޓީ، ޅ.ނައިފަރު، ޅ.ކުރެންދޫ، ގއ.ދެއްވަދޫ، ސ.ހިތަދޫ، ސ.މަރަދޫ އަދި ސ.ފޭދޫއެވެ.

މެޓްގެ މަޢުލޫމާތު ދެއްވާ ގޮތުގައި، ރާއްޖޭގެ އުތުރު ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވެއެވެ. އަދި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.

މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓްއިން ލަފާކުރެއެވެ.

އިއްޔެ އިރުއޮއްސުނު އިރުވެސް ވަނީ މޫސުން ވަރަށް ބޮޑަށް ގޯސްވެ، ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅު ކަމަށްވާ ހއ، ހދ، އަދި ށ އަތޮޅަށް އޮރެންޖް ސަމާލު ނެރެފައެވެ. އިއްޔެއިން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދަށް ބޯކޮށް ވާރޭވެހި، ވައި ވަރަށް ގަދަވެފައިވާއިރު، ރޭ ދަންވަރުން ފެށިގެން މެދުކެނޑުމެއް ނެތި ވާރޭ ވެހެމުންދާކަން ފާހަގަކުރެވެއެވެ.