ޒުވާނުންގެ ދުވަހު އަމާޒެއް ކަނޑައަޅައި ހީވާގިކަމާއިއެކު ނުކުމެ އަމާޒަށް ވާސިލްވުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ޒުވާނުން ބާރުވެރި ކުރުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވަޒީރު އިބްރާހީމް ވަހީދު (އަސްވާޑް) އިލްތިމާސްކޮށްފިއެވެ.
ވަޒީރު މިފަދައިން އިލްތިމާސް ކޮށްފައިވަނީ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ދެއްވި ހާއްސަ ހިތާބުގައެވެ. ކޮންމެ އަހަރެއްގެ ވެސް އޮގަސްޓް މަހުގެ 12 ވަނަ ދުވަސް ފާހަގަ ކުރަމުން އަންނަނީ ޒުވާނުންގެ ދުވަހުގެ ގޮތުގައެވެ.
ވަޒީރު ވިދާޅުވީ ޒުވާނުންނަކީ ގައުމެއްގެ އެންމެ އަގުހުރި ތަރިކަ ކަމަށާއި މާޒީއާއި މުސްތަގުބަލު ގުޅުވައިދޭ ފާލަންކަމަށެވެ. އަދި މާދަމާ އޮންނާނެ ގޮތް ކަނޑައަޅާ ސިކުނޑިތައް ކަމަށާއި، ޒުވާނުން ބާރުވެރިކޮށް ކާމިޔާބު މުސްތަގުބަލެއް ހޯދައިދިނުން މި ސަރުކާރުން އިސްކަންދޭކަމުގެ ހެއްކަކީ ޒުވާނުންގެ ކުރިއެރުމަށް އަމާޒުކޮށްގެން މި ސަރުކާރުން އުފައްދާފައިވާ ޒުވާނުން ބާރުވެރި ކުރުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވަޒާރާ ކަމަށެވެ.
ޒުވާނުން ބާރުވެރި ކުރުމަށް މި ސަރުކާރުން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަން ފާހަގަ ކުރައްވަމުން ވަޒީރު ވިދާޅުވީ ޒުވާނުންނާއި ބެހޭ ގައުމީ ސިޔާސަތު އެކުލަވާލާފައި ވަނީ ޒުވާނުންގެ ބައިވެރިވުމާއި އެކުގައި ކަމަށެވެ.
ޒުވާނުންގެ އުފެއްދުންތެރިކަމުން ދުނިޔެއަށް އިންގިލާބީ ބަދަލު ގެނެވިދާނެކަން މިސާލާއިއެކު ދައްކަވަމުން ވަޒީރު ވިދާޅުވީ ފޭސްބުކާއި މައިކްރޯސޮފްޓް ފަދަ އުފެއްދުންތަކަކީ ޒުވާން ސިކުނޑިތަކުން އުފެއްދި، އެއިން ދުނިޔެއަށް ބޮޑު ބަދަލެއް ގެނުވި ކަންކަން ކަމަށެވެ.
ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެހުމުގައި މިހާރު ވެސް ޒުވާނުންގެ ދައުރު ބޮޑުކަން ފާހަގަ ކުރައްވަމުން ވަޒީރު ވިދާޅުވީ ފަންނިއްޔާތުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުން މަދުނަމަވެސް، ހުނަރުން ފުރިފައިވާ 250 ޒުވާނުން މި އަހަރު ކުރީކޮޅު ކުރިއަށް ގެންދިޔަ "ހެކަތޯން" އިން ފެނިގެންދިޔަ ކަމަށެވެ.
ޒުވާން އުމުރަކީ ތަޖުރިބާ ކުރުމުގެ އުމުރު ކަމަށާއި ވަޒީފާ އަދާކުރަން ބޭނުންވާ ކޮންމެ ޒުވާނަކަށް ލިބިފައިވާ ތައުލީމާ ތަޖުރިބާއާއި ހުނަރާއި އެކަށޭނަ މިންވަރަކަށް އާމްދަނީއެއް ލިބޭނޭ ވަޒީފާއެއް މި ސަރުކާރުން މި ފަސް އަހަރުތެރޭ ހަމަޖައްސަވައި ދެއްވާނެކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ.
ވަޒީރު އިތުރަށް ވިދާޅުވީ އޮންލައިން ޕްލެޓްފޯމްތަކުން ޒުވާނުންނަށް ފައިސާ ލިބޭނޭގޮތް ހެއްދެވުމަކީ ރައީސް ޑރ.މުއިއްޒުގެ ސަރުކާރުގެ އަމާޒެއްކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!