ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ކުޅުދުއްފުށި ސިޓީގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓުޢާންމުކޮށް، އެ ރިޕޯޓަށް ޝަކުވާ ހުށަހެޅުމާއި ކުޅުދުއްފުށި ސިޓީގެ އިންތިޚާބީ ދާއިރާތަކުގެ ނަންތަކަށް ޚިޔާލު ހުށަހެޅުމަށް ހުޅުވާލާފައިވާ ފުރުޞަތުގެ މުއްދަތު އިތުރުކޮށްފިއެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ބުނީ، ކުޅުދުއްފުށި ސިޓީގެ އިންތިހާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިރޭ 9:00ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށާއި، ކުޅުދުއްފުށި ސިޓީގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމަށްފަހު އިންތިހާބީ ދާއިރާތަކުގެ ނަންތަކަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ވެސް މިރޭ 9:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައި ވާކަމަށެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސިީޓ މެދުވެރިކޮށް އިންތިހާބާ ބެހޭ މަރުކަޒު (ބާ ޖަމާލުއްދީން) އިންނެވެ. އަދި އިލެކްޝަން ކޮމިޝަންގެ އީމެއިލް މެދުވެރިކޮށް ވެސް ޝަކުވާ ހުށަހެޅޭނެއެވެ. އެ ކޮމިޝަންގެ އީމެއިލް، ޓުވިޓަރު، ފޭސްބުކް މެދުވެރިކޮށް ހިޔާލު ހުށަހެޅޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

Ad
rt

ކުޅުދުއްފުށީގެ ދާއިރާތައް ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ރޭ ވަނީ އެ ސިޓީގައި ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ވަނީ އެ ސިޓީގެ ހަ ދާއިރާ ކަނޑައަޅައި އަންހެން މެމްބަރުން އިންތިހާބު ކުރާ ދެ ދާއިރާ ގުރުއަތުން ހޮވައިފައެވެ.

ކުޅުދުއްފުށީގެ ހަ ދާއިރާ:

  • ކުޅުދުއްފުށި އުތުރު ދާއިރާ (އާބާދީ އަކީ 1678 މީހުން)
  • ކުޅުދުއްފުށި ހުޅަނގު އުތުރު ދާއިރާ (އާބާދީ އަކީ 1665 މީހުން)
  • ކުޅުދުއްފުށި މެދު އުތުރު ދާއިރާ (އާބާދީ އަކީ 1752 މީހުން)
  • ކުޅުދުއްފުށި މެދު ދެކުނު ދާއިރާ (އާބާދީ އަކީ 1732 މީހުން)
  • ކުޅުދުއްފުށި ހުޅަނގު ދެކުނު ދާއިރާ (އާބާދީ އަކީ 1736 މީހުން)
  • ކުޅުދުއްފުށި އިރު ދެކުުނު ދާއިރާ (އާބާދީ އަކީ 1647)

ގުރުއަތުން އަންހެނުންނަށް ހާއްސަކުރި ދެ ދާއިރާއަކީ ކުޅުދުއްފުށި މެދު އުތުރު ދާއިރާ އާއި މެދު ދެކުނު ދާއިރާއެވެ.

ކުޅުދުއްފުށީގެ ރައްޔިތުން މޭޔަރު ހޮވުމަށާއި، ހަ ދާއިރާއަށް ކައުންސިލަރުން ހޮވުމަށް ވޯޓު ދޭން ޖެހޭނެއެވެ. އޭގެ އިތުރުން ކުޅުދުއްފުށި ހިމެނޭ އިދާރީ ދާއިރާ، ހދ. އަތޮޅު ކައުންސިލުގެ ރައީސްކަމަށް ވެސް އެ ސިޓީގެ ރައްޔިތުން ވޯޓު ދޭން ޖެހޭނެއެވެ.

އަންހެނުންގެ ކޮމިޓީގެ އިންތިހާބުގައި ވެސް ކުޅުދުއްފުށީގެ ރައްޔިތުން ވޯޓު ދޭން ޖެހޭނީ އީސީން ކަނޑައެޅި ހަ ދާއިރާއަށެވެ. އެ އިންތިހާބު ވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ލޯކަލް ކައުންސިލް އިންތިހާބާއެކު އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.

އަންނަ އޭޕްރިލް މަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ އަދި ރަށު ކައުންސިލުތަކުން އަންހެނުންނަށް ޖުމްލަ 384 ގޮނޑި ޔަގީންވާނެ ކަމަށް އީސީން ވަނީ މީގެ ކުރިން ބުނެފައެވެ.

ގާނޫނުގައިވާ ގޮތުން އާބާދީގައި 10،000 މީހުން އުޅޭނަމަ އެރަށަކަށް ސިޓީއެއްގެ ދަރަޖަ ދެވޭނެ އެވެ. ކުޅުދުއްފުށީގެ އާބާދީ 10،000 އަށް އަރާފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. މިހާރު އެ ސިޓީގެ އާބާދީ އަކީ 10،210 ކަމަށް ރޭ އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.