ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ "ތިލަދެކުނު ފުޓުބޯޅަ މުބާރާތް 2024" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އަންނަ ސެޕްޓެމްބަރ މަހުގެ 6 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ހދ.އަތޮޅުގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ކުލަބް ޖަމިއްޔާތަކަށެވެ. މުބާރާތް ކުޅުމަށް ހަމަޖެހިފައި ވަނީ ކުޅުދުއްފުށީ ސްޓޭޑިއަމްގެ ފުޓްބޯޅަ ދަނޑުގައެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 (ފަންސާސް ހާސް) ރުފިޔާ ކަނޑައަޅާފައިވާއިރު، ރަނަރަޕް ޓީމަށް ދިނުމަށް ނިންމާފައި ވަނީ 30000 (ތިރީސްހާސް) ރުފިޔާގެ ފައިސާގެ އިނާމެކެވެ މީގެ އިތުރުން މުބާރާތުގައި ގިނަ ވަނަތަކެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. ވަނަތަކުގެ ތެރޭގައި ފެއަރޕްލޭ ޓީމް، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ، މުބާރާތުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ، މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރު، މުބާރާތުގެ އެންމެ މޮޅު ޑިފެންޑަ، މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑަރ، މުބާރާތުގެ އެންމެ މޮޅު ސްޓްރައިކަރ، މުބާރާތުގެ އެންމެ މޮޅު ކޯޗްގެ އިތުރުން މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ ހިމެނެއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ކުލަބް ޖަމިއްޔާތަކުން އެކަމަށް އެދި ފުރަންޖެހޭ އޮންލައިން ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު މި މަހުގެ 15 ވަނަ ދުވަހުގެ 12:00 ގެ ކުރިން ސަބްމިޓް ކުރެއްވުމަށް އެ ކައުންސިލުން އެދެއެވެ.
މި މުބާރާތަކީ އަތޮޅުގައި ފުޓުބޯޅައިގެ ރޫހު އާލާކޮށް ދިރުވުމަށާއި ފުޓުބޯޅައަށް ޝައުގުވެރިކަން ހުންނަ ކުޅުންތެރިންނަށާއި ޓީމުތަކަށް އެ ފުރުސަތު ހޯދައިދީ، އަތޮޅުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!