ފޭކް އޮންލައިން ފިހާރަތަކެއް ފޭސްބުކްގައި އިޝްތިހާރުކޮށް އެތަންތަނުން ތަކެތި ގަންނަން މަސައްކަތްކުރާ ގިނަބައެއްގެ ކްރެޑިޓް ކާޑުގެ މައުލޫމާތުތައް ވަގަށް ނަގަމުންދާކަން ހާމަވެއްޖެއެވެ.

އޮންލައިން ސްޓޯރުތަކެއްގެ ގޮތުގައި އޮޅުވާލައިގެން ހިންގާ ވެބްސައިޓްތަކުގެ ނެޓްވޯކެއް ފެނިފައިވާއިރު، އެ ފޭކް ފިހާރަތައް ހިންގަނީ ޔޫޒަރުންގެ ކޭޝްކާޑުގެ މައުލޫމާތު ވަގަށް ނެގުމުގެ މަޤްޞަދުގައި ވަރަށް ދުރާލައި ރާވައިގެންނެވެ. އެގޮތަށް އޮޅުވާލައިގެން ހިންގާ ވެބްސައިޓްތަކުގެ ނެޓްވޯކެއް ޓެކް ޓީމަކުން ވަނީ ހާމަކޮށްފައެވެ.

Ad
rt

މިނެޓްވޯކުން މައިގަނޑު ގޮތެއްގައި މިހާރު ހުރި އީކޮމާސް ސައިޓްތައް ނަކަލުކޮށް، ފޭސްބުކްގައި ޕޯސްޓްކޮށްފައިވާ އިޝްތިހާރުތަކުގައި ބޮޑު ޑިސްކައުންޓާއި ޓައިމް ސެންސިޓިވް ޑީލްތަކެއް ހިމެނެއެވެ.

ޔޫޒަރުންގެ އެކައުންޓްތަކުން ފައިސާ ނެގުމުގެ އިތުރުން އޭގެ ތަފްސީލްތައް ޑާކް ވެބް މާކެޓްޕްލޭސްތަކުގައި ވިއްކާލުމުން ގިނަ ފަހަރަށް ދިގު މުއްދަތަކަށް ކްރެޑިޓް ކާޑުން ވަގަށް ފައިސާ ކަނޑަމުން ދެއެވެ.

ކޮންޓެންޓް ޑެލިވަރީ ނެޓްވޯކް (ސީޑީއެން) ފޯރުކޮށްދޭ ކުންފުޏަކުން ބޭނުންކުރި ފްރޯޑް ކެމްޕޭނަށް "އެރިއާކޯސް" ގެ ނަމުން ނަން ދީފައިވާއިރު، 600 އަށް ވުރެ ގިނަ ފޭކް ވެބް ޝޮޕް ވަނީ ފެނިފައެވެ. އެއިން ކޮންމެ ސައިޓަކާ ގުޅިފައިވާ ގާތްގަނޑަކަށް 100 އިޝްތިހާރު ހަމައެކަނި ފޭސްބުކް އިންވެސް ފެނިފައިވެ އެވެ.

އެހެންކަމުން އޮންލައިން ވިޔަފާރި ކުރާ ފަރާތްތަކުން މިފަދަކަންކަމަށް ސަމާލުވުމަށް އެކުންފުނިން ވަނީ އެދިފައެވެ.