ރަށުގެ ވަށައިގެން އޮތީ ކުނިގޮނޑުތަކެވެ. ގެއާއި އެންމެ ކައިރީގައި ވައު އޮންނަ ދިމާއަކީ އެ ގެއަކަށް ހާއްސަ ކުނިއަޅާތަނެވެ. އެ މީހަކު ބޭނުން ވަރަކަށް ކުނި އަޅަންވީއެވެ. އެކިވައްތަރުގެ ކުނި ވަކިކުރުމަކީ އޭރު ދަންނަ ކަމެއް ނޫނެވެ. ގޮނޑަށް ކޮންމެ ބާވަތެއްގެ ކުންޏެއް ވެސް އަޅަންވީއެވެ. އާންމުކުނީގެ އިތުރުން ކުނިވާ ޒާތުގެ ކުންޏާއި ގައު ކުނޑިއާއި ދަގަނޑާއި ޕްލާސްޓިކެވެ.

ރަށުގެ ވަށައިގެން އުފެދިފައިވާ ބޮޑެތި ކުނިގޮނޑުތަކާއި ގުޅިގެން އޭރު ވެސް ރައްޔިތުންގެ ތެރޭ ދޭތެރެ ދޭތެރެއިން ޝަކުވާ ބޮޑުވެއެވެ. އެފަދަ ހާލަތެއްގައި ރަށު އޮފީހުން ކަތީބާއި ކުޑަކަތީބު ނުކުމެ ބައެއް ސަރަހައްދުގައި "ކުނއެޅުން މަނާ" ބޯޑު ޖަހާނެއެވެ. ބޯޑެއް ޖެހިޔަސް އެއީ އަމަލުކުރެވޭ އެއްޗަކަށް އޭރުއޮތީ ނުވެފައެވެ. ބޯޑުޖަހާތާ މަދު ދުވަސްކޮޅެއްގެ ތެރޭ ކޮންމެވެސް ބަޔަކު ބޯޑު ނަގައި އެއްލައިލާނެއެވެ. އެ ހިސާބުން ކުނީގެ ވާހަކަ އެ ވަގުތައް އެ ނިމުނީއެވެ.

Ad
rt

އެ ދުވަސްވަރު އުތުރުގައި ހަމައެކަނި އެއާޕޯޓް އޮތް ރަށަކީ ހަނިމާދޫއެވެ. ވުމާއިއެކު ރަށަށް އޭރުވެސް ޒިޔާރަތްކުރާ މެހެމާނުން ގިނައެވެ. ރަށުގެ ވަށައިގެން އޮތް ކުނި ގޮނޑުތަކަކީ މެހެމާނުންނަށް ފެންނަން ބޭނުންނުވާ މަންޒަރެއް ނަމަވެސް އެކަން ފޮރުވަން އޭރު އޮތީ ކުރެވޭނެ ކަމެއް ނެތިފައެވެ. ކުނީގެ މައްސަލައަކީ ދުވަހަކު ވެސް ހައްލެއް ލިބިދާނެ ކަމެއްބާއޭ، ހިތަށްއަރާވަރަށް އޭރު ރަށުގައި އޮތީ އެ މައްސަލަ ބޮޑުވެފައެވެ.

ހައްލުގެ ފެށުން

މީގެ ސޯޅަވަރަކަށް އަހަރުކުރިން ރާއްޖޭގެ ވެރިކަން ޑިމޮކްރަސީއަށް ފުރޮޅި، ރަށު ކައުންސިލްތަކަށް މެމްބަރުން ހޮވައި، ރަށްރަށުގެ ހުރިހާކަމެއް ބެލެހެއްޓުމުގެ ބާރު ކައުންސިލްތަކަށް ލިބުމާއިއެކު، ކައުންސިލްގެ ފުރަތަމަ ދައުރުގައި ވެސް ހަނިމާދޫގެ ކުނީގެ މައްސަލަ ހައްލުކުރަން މަސައްކަތް ވަނީ ފަށާފައެވެ.

ކައުންސިލްގެ ފުރަތަމަ ދައުރުތެރޭ ރަށުގެ އެކި ސަރަހައްދުގައި އުފެދިފައިވާ ބޮޑެތި ގޮނޑުތައް ނަގައި ސާފުކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އޭރު އެ މަސައްކަތްކޮށްފައިވަނީ ހަނިމާދޫގައި ހަދަމުންދިޔަ ސިޓީ ހޮޓަލުގެ މަސައްކަތުގައި ބޭނުންކުރި ހައިމާކާއި ލޮރީގެ އެހީގައެވެ.

ހަނިމާދޫ ކައުންސިލްގެ ފުރަތަމަ ދައުރުގެ ރައީސް އަބްދުލްސަލާމް އަލީ ބުނީ، ކައުންސިލުން ރަށުގެ ކުނީގެ މައްސަލަ ހައްލުކުރަން ހާއްސަ އިސްކަމެއް ދީގެން އެ ދުވަސްވަރު ވެސް މަސައްކަތްތަކެއް ކުރެވުނު ކަމަށާއި، އެ ގޮތުން އެ މައްސަލަ ހައްލުކުރުމަށް ޕްލޭނެއް އެކުލަވާލައި ޑަސްބިންތައް ރަށާއި ހިސާބަށް ގެނެވުނު ކަމަށެވެ. އެކިއެކި ދަތިތަކާއި ހުރެ ދައުރު ނިމުނުއިރު އަމަލީ މަސައްކަތް ފެށިފައިނުވާ ކަމަށެވެ.

ހަނިމާދޫގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ކައުންސިލްގެ ދެވަނަ ދައުރުގައި ވެސް ވަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައެވެ. އެ ދައުރުގައި ކައުންސިލުން ވަނީ ރަށުގައި ކުނި އެޅުމަށް ވަކި ހާއްސަ ސަރަހައްދުތަކެއް ކަނޑައަޅާފައެވެ. އެއް ސަރަހައްދެއްގެ ގޮތުގައި މިހާރު ބޭނުން ކުރަމުންދާ ކުނިކޮށި ހަމަޖެއްސިއެވެ. އެ ސަރަހައްދު ރަށުގެ އުތުރު އަވަށުގައި ދިރިއުޅޭ ފަރާތްތަކަށް ދުރުވާތީ، ރަށުގެ އުތުރުން މިހާރު ފުޓްސަލް ޓާފް ދަނޑު އަޅާފައިވާ ކުޅިވަރު ބިމުގެ ހުޅަނގު ސަރަހައްދު ހަމަޖެއްސިއެވެ.

ކުނި އަޅަން ދެ ސަރަހައްދެއް ކައުންސިލުން ދެއްކި ނަމަވެސް އެގޮތައް އަމަލު ކުރުމަށް، މީހުންގެ ވިސްނުން ބަދަލުކޮށް ހޭނުންވީ ގޮންޖެހުން ބޮޑުކަމަކަށެވެ. ނަމަވެސް ގިނަބަޔަކު އުސޫލާއި އެއްގޮތައް އަމަލުކުރަން ފެށުމުން އޭގެ ހެޔޮބަދަލު ރަށުގެ ހުރިހާ ހިސާބަކުން ވެސް ދިޔައީ ފެންނަމުންނެވެ.

އެ ދައުރުގައި ކައުންސިލުން ވަނީ، ކައުންސިލް ބަޖެޓުން ހަރަދުކޮށް ހައިމާކާއި ލޮރީ ހޯދައި މަސައްކަތުގައި ބޭނުން ކުރަންފަށާފައެވެ. ރަށުގެ އެކި ސަރަހައްދުގައި އުފެދޭ ކުނި ނަގައި ކުނިކޮށްޓައް ޖަމާކުރުމުގެ މަސައްކަތް އައީ ކުރަމުންނެވެ.

ކުނިނަގަން ބޭނުންވާ ގެތަކުން ރަޖިސްޓަރީވާން ހުޅުވާލައި، ކުނިނެގުމުގެ މަސައްކަތް އައުޓްސޯސްކޮށް ކޮންމެ ގޭބިސީއަކުން 150 ރުފިޔާގެ ފީއަކާއިއެކު ކުނިނެގުމުގެ މަސައްކަތް ކައުންސިލުން ފެށި ހިސާބުން ރަށުގެ ކުނީގެ މައްސަލައަށް ބޮޑު ބަދަލެއް އައިތަން ފެނުނެވެ. ރަށުގެ އެކި ސަރަހައްދަށް ކުނިއެޅުން ވަރަށް ބޮޑަށް މަދުވެގެން ދިޔައެވެ.

ކައުންސިލްގެ ހަތަރުވަނަ ދައުރުގައި ކުނިނެގުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް އިތުރު ވެހިކަލް ހޯދައި، ކައުންސިލަށް ދާއިމީ މުވައްޒަފުން ނަގައިގެން ޝެޑިއުލެއްގެ ދަށުން ގޭބިސީތަކުން ކުނިނަގައި ކުނިކޮށްޓައް ޖަމާކުރަމުންދިޔައެވެ. ބަދިގޭގައި އުފެދޭ ކުނިވާ ޒާތުގެ ކުނިއެޅުމަށް ރަށުގެ އެކި ހިސާބުތަކުގައި ޑަސްބިންތައް ބަހައްޓައި އެފަދަ ކުނި އެ ޑަސްބިންތައް މެދުވެރިކޮށް ކަލެކްޓްކޮށް ކުނިކޮށްޓައް މުވައްޒަފުން އައީ ޖަމާކުރަމުންނެވެ.

ކުނިވާ ޒާތުގެ ކުނީގެ މައްސަލައަށް ޒަމާނީ ހައްލެއް

ހަނިމާދޫ ކައުންސިލުން ކުނީގެ މައްސަލަ ހައްލުކުރުމަށް ކުރަމުން އައި މަސައްކަތުގައި، ކުނިވާ ޒާތުގެ ކުނީގެ މައްސަލަ ހައްލުކުރުމުގައި ދިމާވާ ތަފާތު ގޮންޖެހުންތަކާއިއެކު އެކަން ވެފައި އޮތީ ބޮޑު ބޮލުގައި ރިހުމަކަށެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ހަނިމާދޫ ކައުންސިލުގެ ނައިބް ރައީސް ފިރާގު މުހައްމަދު ބުނީ ރަށުގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ ކުނިވާ ޒާތުގެ ކުނި އަޅާ ޑަސްބިންތަކަށް ރޭގަނޑު ބުޅާއެރައި މުޅިތަނަށް ކާއެއްޗެހި އެޅުމާއި، ޑަސްބިން ފުރިގެން އެ ސަރަހައްދުގައި ބަހައްޓާފައި ހުންނަ ކާބޯތަކެތި އަޅާފައި ހުންނަ ކޮތަޅުތައް ފަޅާލައި އެ ތަކެތި ކާޅުދަމައި މުޅި ސަރަހައްދު ހަޑިކުރާތީ ސަރަހައްދުގެ ވަސްނުބައިވެ އެ ސަރަހައްދުތައް ތަގައްޔަރުވާތީ އެ ޝަކުވާ އައީ ބޮޑުވަމުން ކަމަށެވެ.

އެ މަންޒަރު ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފެންނާތީ ރަށުގައި ހުރި ގެސްޓް ހައުސްތަކުން ވެސް ޝަކުވާ ލިބެމުން އައިކަމަށާއި ވުމާއިއެކު އެކަމަށް ހެޔޮ ބަދަލެއް ގެނައުމަށް ކައުންސިލުގައި މަޝްވަރާކުރެވި، މިހާރު ހެދިފައިވާ ޒަމާނީ ޑަސްބިން ހަޓްތައް ހަދަން ނިންމީ ކަމަށެވެ.

ކުނިވާ ޒާތުގެ ކުނި ކަލެކްޓް ކުރުމަށް ހަނިމާދޫގައި 01 އޮގަސްޓް 2024 ގައި ބޭނުން ކުރަން ފަށާފައިވާ ޒަމާނީ ޑަސްބިން ހަޓްތަކަކީ ބުޅަލާއި ކާޅަށް ނުވަދެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ހަޓްތަކެކެވެ.

ބަލައިލަން ވެސް ރީތި އެ ހަޓްތަކަށް ކުނިއެޅުމަށް ހާއްސަ ތިން އާނގައެއް ކަނޑާފައިވާއިރު، އެ ކޮންމެ ޖާގައެއްގައި ވަނީ އަމިއްލައަށް ލެއްޕޭގޮތަށް ދޮރު ހަރުކޮށްފައެވެ. މީގެއިތުރުން އިމާރާތުގެ އެތެރޭގައި ވަނީ މުށިޖަހާފައެވެ. އެތެރޭގައި ފެން ލިބޭނޭ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެއިތުރުން ހަޓްތައް ވަނީ ރޭގަނޑު ބޭނުން ކުރުމަށް ފަސޭހަވާނޭހެން ކަރަންޓްލައި ބޮކިލައި ދިއްލާފައެވެ.

މި ހަޓްތަކާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ފިރާގު ބުނީ ހަޓްތައް ބޭނުން ކުރަން ފެށުމުން ކުނިވާ ޒާތުގެ ކުނީގެ ސަބަބުން ރަށުގެ އެކި ސަރަހައްދުތައް ހަޑިވާ މައްސަލައަށް ނިމުމެއް އަންނާނެ ކަމަށެވެ.

ކޮންމެ ކަމެއްގައި ވެސް އަބަދުވެސް ރަނގަޅު ކުރަން ހުންނަ ކަންކަން ހުންނާނެކަން ފާހަގަ ކުރަމުން ފިރާގުބުނީ ކުރިއަށް އޮތްތަނުގައި ރަށުގެ އިތުރު ތަންތާ ހަޓްތައް ހަދާއިރު މިހާރު ހެދިފައިވާ ހަޓްތަކުގެ ފީޑްބެކަށް ބަލާނެ ކަމަށެވެ.

ކުނި ނައްތާލަން އޮތް ގޮންޖެހުން

ސަރުކާރާއި ގުޅިގެން ކައުންސިލުން ވަނީ މިހާރު ހަނިމާދޫގައި ޒަމާނީ ކުނިކޮށީގެ އިމާރާތް ވެސް ނިންމާފައެވެ. އެތަން ތަރައްގީކޮށްފައި ވަނީ އޮފީސްބަޔާއި، އަދި ކުނި ނައްތާލުމަށް ބޭނުންވާ މެޝިނަރީސް ބަހައްޓާނެ ތަނަވަސް ޖާގައާއު އެކުއެވެ.

ރަށުގައި އުފެދޭ ކުނި ނަގައި ކުނި ގޮނޑަށް ޖަމާކުރެވުނު ނަމަވެސް އެ ކުނި ނައްތާލެވޭނޭ ގޮތް ހޯދިފައި ނެތުމަކީ ހަނިމާދޫ ކައުންސިލްގެ މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ފިރާގު ބުނީ ކުނި ނައްތާލުމަށް ބޭނުންވާ މެޝިނަރީސް ހޯދުމަކީ އަދި ކައުންސިލު ބަޖެޓުން ކުރެވޭވަރަށްވުރެ ބޮޑު ހަރަދެއް ކަމަށާއި، ވުމާއިއެކު އެ ތަކެތި ހޯދުމަށް މިހާރު ވެސް ސަރުކާރުގެ ކަމާއި ގުޅުންހުރި ފަރާތްތަކާއި މަޝަވްރާ ކުރަމުން އަންނަ ކަމަށެވެ.

ހަތަރު ދައުރުގެ ކައުންސިލުން ކުރި މަސައްކަތުން ހަނިމަދޫގެ ކުނީގެ މައްސަލައަށް މިވަނީ ހަގީގަތުގައި ވެސް އިންގިލާބީ ބަދަލެއް ގެނެސްފައެވެ.

ކަމެއް ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދިޔުމުގައި ވެރިންނާއި އާންމު ފަރުދުންގެ ޒިންމާ ވެސް އޮންނާނެކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެވެ. މާހައުލު ސާފުކޮށް އޮތުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ކޮންމެހެން ބޭނުން ކަމެކެވެ.

ފާއިތު ސޯޅަވަރަކަށް އަހަރު ހަނިމާދޫ ކައުންސިލް ބަޖެޓުން ހަރަދު ކޮށްގެން އެންމެ އެދެވޭ ބަދަލެއް ގެނެވިފައިވާ ކަމަކީ ހަނިމާދޫގެ ކުނީގެ މައްސަލައެވެ. މިއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. ސަތޭކައަކުން ސަތޭކަ ނުލިބުނަސް ކުނީގެ މައްސަލަ ހައްލު ކުރުމުގެ އިމްތިހާނުން މިހާތަނަށް ކައުންސިލް ވަނީ ފާސްވެފައެވެ. ދެން އޮތީ ފުލް މާކްސް ހޯދަން ކުރަން ހުރި މަސައްކަތެވެ.