ހުޅުމާލެ ފޭސް 2 ގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރުގައި ތިބި މީހުންގެ މަޢުލޫމާތު ފުލުހުން ވަނީ އާންމުކޮށްފައެވެ.
ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި، މި އެކްސިޑެންޓާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ފަރާތްތަކަކީ:
1. އިކްރާމުއްރަޙްމާން (ކ. މާލެ، ނޫރަންމާގެ)
2. އިބްރާހިމް އިކްރާމް (ކ. މާލެ، މ. ލޭންޑްއޮފްގާރޑަން)
3. ޖިނާޙް އިސްމާއީލް (ގއ. ކަނޑުހުޅުދޫ، އާޒާދުގެ)
މި އެކްސިޑެންޓް ހިނގާފައިވަނީ އިއްޔެ ހެނދުނު ހުޅުމާލެ ފޭސް 2 ގައި ހުރި ވިނަރެސް ފްލެޓްތަކާ ދެމެދު އޮންނަ މައި މަގުގައެވެ. ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް، މަގުގެ އެއްފަރާތުގައި މަޑުކޮށްގެން އިން ސައިކަލެއްގައި ޖެހުމުން މި އެކްސިޑެންޓް ހިނގާފައިވެއެވެ.
ފުލުހުން ކުރިން ބުނެފައިވަނީ ކާރު ދުއްވަން އިން 25 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެކްސިޑެންޓުވުމުން ކާރުގައި ތިބި މީހުން ފިލާފައިވާކަމަށާއި، ފަހުން އެންމެން ވެސް ހައްޔަރުކުރެވުނު ކަމަށް މަޢުލޫމާތު ލިބެއެވެ.
ސޯޝަލް މީޑިއާގައި ފެތުރުނު ވީޑިއޯތަކުން ފެންނަ ގޮތުގައި، ސައިކަލުގައި އިން ފަރާތް ވިއްސައިގެން ގޮސް އެނބުރެމުން މާދުރަށް ވެއްޓުނު މަންޒަރު ފެނެއެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓުވި ކާރަކީ މާލެ ޒޯންގައި ދުއްވަން ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ނޫނެވެ. ކާރުގެ ނަންބަރު ޕްލޭޓްގައި އިނީ ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކުގައި) ދުއްވަން ރަޖިސްޓްރީކޮށްފައިވާ ބީ ޒޯން ކަމަށް ފާހަގަކުރެވެއެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސްޓޭބަލް ކަމަށް އައިޖީއެމްއެޗުން މިރޭ ބުނެފައިވެއެވެ. ނަމަވެސް، އެނގިފައިވާ ގޮތުގައި އޭނާގެ މޫނަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!