ޖިންސީ އަދި ދަރިމައިވުމުގެ ޞިއްޙަތާއި ޙައްޤުތަކާ ބެހޭ ތަމްރީނެއް ހދ. އަތޮޅުގައި ބާއްވައިފި އެވެ.
ކުޅުދުއްފުށި ސިޓީގައި ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދެވުނު ޖިންސީ އަދި ދަރިމައިވުމުގެ ޞިއްޙަތާއި ޙައްޤުތަކާ ބެހޭ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އިއްޔެ އެވެ.
މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަތީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން (ކޭއާރުއެޗް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ ނާޒިމާ ޢަލީއެވެ.
26 އަދި 27 ޖުލައި 2024 ގައި ބޭއްވުނު މި ތަމްރީނު ޕްރޮގްރާމަކީ އިންޓަރނޭޝަނަލް ޕްލޭންޑް ޕެރެންޓްހުޑް ފެޑެރޭޝަން (އައި.ޕީ.ޕީ.އެފް) ގެ ސައުތު އޭޝިޔާ ރީޖަންގެ ދަށުން ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި ތަމްރީނެކެވެ. މި ތަމްރީނުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓާއި ހއ. އަތޮޅުގެ ޞިއްޙީ މަރުކަޒުތަކުގެ ނަރުހުންނާއި މުވައްޒަފުން ހިމެނޭ ގޮތަށް ޖުމްލަ 24 ޞިއްޙީ ޚިދުމަތްތެރިން ބައިވެރިވެފައިވެއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ޖިންސީ އަދި ދަރިމައިވުމުގެ ޞިއްޙަތާއި ޙައްޤުތަކާ ބެހޭ ގޮތުން ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ބޭއްވުނު މުހިންމު ތަމްރީނެއް ކަމުގައި ފާހަގަކުރެވެއެވެ. މި ތަމްރީނުގެ ސަބަބުން އުތުރުގެ އަތޮޅުތަކުގައި ޖިންސީ އަދި ދަރިމައިވުމުގެ ޞިއްޙަތާ ގުޅޭ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.
މިފަދަ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް އޮތް ތަނުގައިވެސް ބޭއްވުމަށް ރޭވިފައިވާ ކަމަށް މަޢުލޫމާތު ދެއްވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!