މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ކަމުގެ މަގާމަށް އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމުގައި ހުންނެވި، ކުރީގެ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު އައްޔަނުކުރަށްވަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ، ގަވަރުނަރުކަމުގެ މަޤާމަށް އަޙްމަދު މުނައްވަރު ހަމަޖެއްސެވުމާއި މެދު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން، އެ މަޖިލީހަށް ހުށަހަޅުއްވާފައެވެ.
ގަވަރުނަރު ޢަލީ ހާޝިމް އެ މަޤާމުން ވަކިކުރެއްވުމަށް، މިއަދު މަޖިލީހުން ފާސްކޮށް، ރައީސް މުޢިއްޒަށް މަޝްވަރާއަރުވާފައިވާތީ، ގަވަރުނަރުކަމުގެ މަގާމުން އަލީ ޙާޝިމް ވަކިކުރެއްވީ މިއަދު އެވެ.
އަލީ ހާޝިމް ގަވަރުނަރުކަމުގެ މަގާމަށް ޢައްޔަނުކުރެއްވީ މިދިޔަ އެމްޑީޕީގެ ސަރުކާރުގައި 8 ސެޕްޓެމްބަރު 2019 ގައި، އޭރުގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެވެ. އަލީ ހާޝިމް ވަނީ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަމުގެ މަގާމު ފުރުއްވާފައެވެ.
ގަވަރުނަރު ޢަލީ ހާޝިމް އެ މަޤާމުން ވަކިކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ލަފާއަރުވަން މަޖިލީހުން މިއަދު ފާސްކުރީ 63 މެންބަރުންގެ ވޯޓުންނެވެ.
އެމްއެމްއޭގެ ގާނޫނުގައި ބުނާ ގޮތުން އެ އޮތޯރިޓީގެ ގަވަރުނަރާއި ޑެޕިއުޓީ ގަވަރުނަރު އައްޔަންކޮށް، ވަކިކުރާނީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!