ހައްދުފަހަނާއަޅާފައިވާ އިސްރާއީލުން ފޭރިގެންފައިވާ ފަލަސްތީނުގެ ބިންތަކާގުޅޭގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު ލަފަޔާއެކު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެއިން ކުރާ އުންމީދުތައް އިތުރަށް އައުވެއްޖެކަމަށް ރައީސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އިސްރާއީލުން ފަލަސްތީނު ބިންތައް ހިފުމަކީ ޣައިރު ޤާނޫނީ ކަމެއް ކަމަށް ބަޔާންކޮށް، ވެސްޓް ބޭންކާއި އީސްޓް ޖެރޫސަލަމް އަދި ޣައްޒާގެ އޮކިއުޕޭޝަން ވީހާވެސް އަވަހަކަށް ނިންމުމަށް ގެނައުމަށް އިސްރާއީލަށް ގޮވާލައި އައިސީޖޭ އިން އިއްޔެ ވަނީ އެޑްވައިޒަރީ އޮޕީނިއަންއެއް ނެރެފައެވެ.

Ad
rt

މިކަމަށް މަރުޙަބާ ވިދާޅުވެ، ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ޤަވާއިދާ ޚިލާފަށް ދެމިތިބުމަކީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާ ޚިލާފު ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި ފަލަސްޠީނަށް ފުރިހަމަ ދައުލަތެއްގެ ހައިސިއްޔަތު ހޯދުމަށް މަސައްކަތްކުރުމުގެ ހައްޤު ލިބިދޭކަން އައިސީޖޭގެ އެޑްވައިޒަރީ އޮޕީނިއަންގައި ފާހަގަކޮށްފައިވާތީ ރައީސް ވަނީ އެކަން ފާހަގަކުރަށްވާފައެވެ.

މީގެއިތުރުން ފަލަސްޠީނުގެ ބިންތަކުގައި ޤަވާއިދާ ޚިލާފަށް އިސްރާއީލުން ވަޒަންވެރި ކުރުވަމުން ދިއުމުގެ ސިޔާސަތުތައް ވަގުތުން ހުއްޓާލުމަށާ އަދި އިސްރާއީލުގެ ނާއިންސާފު ޢަމަލުތަކާ އަދި ތަފާތުކުރުންތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށްވެސް ރައީސް ވަނީ ގޮވާލައްވާފައެވެ.

އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެއިން ކުރާ އުންމީދުތައް އައިސީޖޭގެ އެޑްވައިޒަރީ އޮޕީނިއަންއާއެކު، އިތުރަށް އައުވެގެން ދިޔަކަމަށް ވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

އިސްރާއީލުން ފަލަސްތީނު ބިންތައް ހިފުމަކީ ޣައިރު ޤާނޫނީ ޢަމަލެއް: އައިސީޖޭ

އައިސީޖޭގެ އެޑްވައިޒަރީ އޮޕީނިއަންގައި އޮކިއުޕައިޑް ޓެރިޓަރީސްގައި އިސްރާއީލުން ކުރަމުންދާ ސެޓްލްމަންޓް ހަރަކާތްތައް ހުއްޓާލުމަށާއި އެ ސަރަހައްދުތަކުގައި ދިރިއުޅެމުންދާ އިސްރާއީލީ ރައްޔިތުން އެތަނުން ނެރުމަށް އިސްރާއީލަށް ގޮވާލާފައެވެ. އަދި 2005 ވަނަ އަހަރު އިސްރާއީލުން ޣައްޒާއިން ފޭބި ނަމަވެސް، އެ ސަރަހައްދުގެ މައްޗަށް އިސްރާއީލުގެ ބާރު ފޯރުވަމުންދާތީ އޮކިއުޕޭޝަން ނިމުނީ ކަމަށް ނުބެލެވޭނެ ކަމަށްވެސް ކޯޓުން ވަނީ ބުނެފައެވެ.

އިސްރާއީލުގެ ސިޔާސަތުތަކުގެ ސަބަބުން އޮކިއުޕައިޑް ޓެރިޓަރީސްގެ ބޮޑު ބައެއް ހިސޯރު ކުރެވިފައިވާ ކަމަށާއި، ފަލަސްތީނުގެ ރައްޔިތުންނާ މެދު އަމަލުކުރަމުންދާ ގޮތަކީ "ނަސްލާއި، ދީނާއި އަދި އިރުޤީ ތަފާތުކުރުން" ކަމަށްވެސް ކޯޓުން ވަނީ ފާހަގަކޮށްފައެވެ. އަދި މިހާރު އޮތް ހާލަތު ދެމެހެއްޓުމަށް އެހީވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އެހެން ޤައުމުތަކަށްވެސް ކޯޓުން ވަނީ އިރުޝާދު ދީފައެވެ.