އިސްރާއީލުން ފަލަސްތީނު ބިންތައް ހިފުމަކީ ޣައިރު ޤާނޫނީ ކަމެއް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ބުނެފިއެވެ.
އައިސީޖޭއިން ވަނީ ވެސްޓް ބޭންކާއި އީސްޓް ޖެރޫސަލަމް އަދި ޣައްޒާގެ އޮކިއުޕޭޝަން ވީހާވެސް އަވަހަކަށް ނިންމުމަށް ގެނައުމަށް އިސްރާއީލަށް ގޮވާލާފައެވެ.
ކޯޓުން ވަނީ އޮކިއުޕައިޑް ޓެރިޓަރީސްގައި އިސްރާއީލުން ކުރަމުންދާ ސެޓްލްމަންޓް ހަރަކާތްތައް ހުއްޓާލުމަށާއި އެ ސަރަހައްދުތަކުގައި ދިރިއުޅެމުންދާ އިސްރާއީލީ ރައްޔިތުން އެތަނުން ނެރުމަށް އިސްރާއީލަށް ގޮވާލާފައެވެ. އަދި 2005 ވަނަ އަހަރު އިސްރާއީލުން ޣައްޒާއިން ފޭބި ނަމަވެސް، އެ ސަރަހައްދުގެ މައްޗަށް އިސްރާއީލުގެ ބާރު ފޯރުވަމުންދާތީ އޮކިއުޕޭޝަން ނިމުނީ ކަމަށް ނުބެލެވޭނެ ކަމަށްވެސް ކޯޓުން ވަނީ ބުނެފައެވެ.
އިސްރާއީލުގެ ސިޔާސަތުތަކުގެ ސަބަބުން އޮކިއުޕައިޑް ޓެރިޓަރީސްގެ ބޮޑު ބައެއް ހިސޯރު ކުރެވިފައިވާ ކަމަށާއި، ފަލަސްތީނުގެ ރައްޔިތުންނާ މެދު އަމަލުކުރަމުންދާ ގޮތަކީ "ނަސްލާއި، ދީނާއި އަދި އިރުޤީ ތަފާތުކުރުން" ކަމަށްވެސް ކޯޓުން ވަނީ ފާހަގަކޮށްފައެވެ. އަދި މިހާރު އޮތް ހާލަތު ދެމެހެއްޓުމަށް އެހީވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އެހެން ޤައުމުތަކަށްވެސް ކޯޓުން ވަނީ އިރުޝާދު ދީފައެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވަނީ ކޯޓުގެ މި ނިންމުން ބަލައިނުގަނެ، އެއީ "ދޮގުތަކެއްގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއް" ކަމަށް ބުނެފައެވެ. އެހެންނަމަވެސް ފަލަސްތީނުގެ ފަރާތުން މި ނިންމުމަކީ "ތާރީޚީ ކާމިޔާބީއެއް" ކަމަށް ބުނެ މަރުހަބާ ކިޔާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!