ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ "އިހަވަންދޫ ކައުންސިލް ކަޕް 2024" ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި އަހަރުގެ ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އިހަވަންދޫއަށް ނިސްބަތްވާ ޓީމްތަކަށް އެކަންޏެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން އަންނަ އޮގަސްޓް މަހުގެ 8 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެކަމަށް ފުރިހަމަ ކުރަންޖެހޭ އޮންލައުން ފޯމް ފުރިހަމަ ކުރުމަށް ފަހު ސަބްމިޓް ކުރުމަށް ކައުންސިލުން އެދެއެވެ. ބައިވެރިވުމަށް ހުށަހަޅާ ފޯމް ބަލައިގަތުމަށް ހަމަޖެހިފައި ބަނީ 500 ރުފިޔާގެ ފީއަކާއިއެކުއެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި 15000 (ފަނަރަ ހާސް) ރުފިޔާ، ރަނަރަޕް ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި 5000 (ފަސްހާސް) ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ޒުވާނުންގެ މެދުގައި ކުޅިވަރު ރޫހް އާލާކޮށް ދިރުވުމާއި، އެ ރަށުގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމާއި، ޒުވާނުންނަކީ ސިއްހީ ގޮތުން ދުޅަހެޔޮބަޔަކަށް ހެދުމާއި، ޒުވާނުންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން ގާއިމްކުރުމުގެ އިތުރުން ފުޓްބޯޅައަށް އަހުލުވެރި ޒުވާން ޖީލެއް އުފެއްދުވެމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!