ށ.އަތޮޅުގައި އިޖުތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) ތަމްރީން ކުރުމުގެ ޕްރޮގްރާމް ފަށައިފިއެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއާއި ށ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމް، އެ އަތޮޅު ވެރިކަންކުރާ ފުނަދޫގައި ފަށާފައި ވަނީ އިއްޔެ (16 ޖުލައި 2024) އެވެ. ހަފްތާއެއްގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ނިންމާލުމަށް ތާވަލު ކޮށްފައި ވަނީ މި މަހު 21 ވަނަ ދުވަހުއެވެ.

Ad
rt

އިޖުތިމާއީ ބަދަހި މަދަދުވެރިން އަތޮޅުތެރޭ ތަންރީން ކުރުމުގެ ބޭނުމަކީ ހާއްސަ އެހީތެރިކަމެއް ބޭނުންވާ ނުވަތަ އެ ހާލަތެއް މެދުވެރިވެދާނެ ފަދަ ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އަންހެނުންނާއި އާއިލާތައް ފާހަގަކޮށް ބޭނުންވާ އެހީތެރިކަން އަވަސްގޮތެއްގައި ފޯރުކޮށްދިނުމަށް ގާބިލް ބަޔަކު ކޮންމެ ރަށެއްގައި ވެސް ބޭތިއްބުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ތަމްރީނަށް ޕްރޮގްރާމުގައި އެ އަތޮޅު ރަށްތަކުގެ ޕޮލިސްޓޭޝަންތަކާއި އަތޮޅު ކައުންސިލާއި ސިއްހީ މަރުކަޒުތަކުގެ އިތުރުން އަތޮޅު ހޮސްޕިޓަލުން މެމްބަރުން ބައިވެރިވެއެވެ.

މި ތަމްރީނު ފަރުމާކޮށްފައިވަނީ އެ އަތޮޅުގައި އިބަމައިގެ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ، މި މަސައްކަތް އިތުރަށް ފުރިހަމަކުރުމަށް ކުރެވިދާނެ ކަންކަމުގައި އަމަލީގޮތުން ބައިވެރިވާ ހަރަކާތްތައް ހިމަނައިގެންނެވެ.

އެގޮތުން ރަށްރަށުގައި ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތައް ދެނެގަންނާނެ ގޮތާއި، އެފަރާތްތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތުގައި އިބަމައިގެ މެންބަރުންނަށް ކުރެވޭނެ ކަންކަމާއި، އެ މަސައްކަތްތައް ކުރުމަށް މެންބަރުންނަށް ބޭނުންވާނެ ތަފާތު އެކި ހުނަރާއި ގުޅޭގޮތުން ވެސް މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމްގެ ތެރެއިން ރަށްރަށުގައި ދިރިއުޅޭ ނާޒުކު ހާލަތުގައި ތިބި ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެ ފަރާތްތަކުގެ ހާލަތު ވަޒަންކުރާނެ ގޮތާއި، ހާލަތު ރަނގަޅު ކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތަކާއި ގުޅޭ ޕްލޭން އެކުލަވާލައި ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ މައުލޫމާތު ފޯރުކޮށްދޭނެއެވެ.