ކޮލެޖެއްގެ ގޮތުގައި މެދުނުކެނޑި ހިންގާތާ 15 އަހަރުވެފައިވާ ނަމަ، ޔުނިވާސިޓީއެއްގެ ދަރަޖަ ލިބޭ ގޮތަށް ގާނޫނަށް އިސާލަހު ގެނައުމަށް މަތީ ތައުލީމާއި ތަމްރީންގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.
މަތީ ތައުލީމާއި ތަމްރީންގެ ގާނޫނު މިހާރު އޮންނަ ގޮތުން ރާއްޖޭގައި ޔުނިވަސިޓީއަކަށް ބަދަލުކުރެވެން އޮންނަނީ ކޮލެޖެއްގެ ގޮތުގައި މެދުނުކެނޑި ހިންގާތާ 20 އަހަރުވީމައެވެ. އެކަމަކު، ބޮޗޭ ހުށަހެޅުއްވި އިސްލާހުގައި ވަނީ އެ މުއްދަތު 15 އަހަރަށް ދަށް ކުރަން ހުށަހަޅުއްވައިފައެވެ.
ބިލް ހުށަހެޅި ސަބަބެއްގެ ގޮތުގައި ވަނީ ރާއްޖޭގެ މަތީ ތައުލީމުގެ ދޮރު މިހާރަށް ވުރެ ބޮޑަށް ހުޅުވާލައި ވަސީލަތްތަކާއި ގާބިލުކަން ހުރި ފަރާތްތަކަށް ޔުނިވާސީޓީ ތައުލީމު ފޯރުކޮށްދިނުމުގެ ފުރުސަތު ފަހުކޮށްދިނުންޓަކައި، ޔުނިވާސީޓީ ހިންގޭނެ ޝަރުތުތައް މުރާޖާ ކުރުމެވެ.
ބިލްގައި ބުނެފައިވަނީ މަތީ ތައުލީމް ދިނުމަށް ރަޖިސްޓްރީކޮށްފައިވާ ކޮލެޖެއް ޔުނިވަސިޓީއަކަށް ބަދަލުކުރުމަށް އެދޭއިރު، އެ ކޮލެޖެއްގައި އާޓްސް އެންޑް ހިއުމަނިޓީޒް އާއި އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ އާއި ލައިފް ސައިންސް އެންޑް މެޑިސިން އާއި ނެޗުރަލް ސައިންސާއި ސޯޝަލް ސައިންސް ފަދަ ދާއިރާތަކުގެ ތެރެއިން ލެވެލް ހަތެއް އަދި ނުވައެއްގެ މަދުވެގެން ތިން ދާއިރާއަކުން އަމިއްލަ ނުވަތަ ބޭރުގެ ޔުނިވާސިޓީއެއްގެ ޕްރޮގްރާމްތައް ހިންގަން ޖެހޭނެ ކަމަށެވެ.
ކޮލެޖުގައި ލެވެލް ހަތަކުން ފެށިގެން މަތީ ކޯސްތަކުގައި ކިޔަވަމުންދާ މަދުވެގެން 1،000 ދަރިވަރުން ކިޔަވަމުން ދާން ޖެހޭނެ ކަމަށް ބިލްގައިވެއެވެ.
މީގެއިތުރުން ބައިނަލްއަގުވާމީ ޔުނިވާސިޓީ ރޭޓިންއެއްގައި ބައިވެރިވެ ރޭޓް ކޮށްފައިވާ ކޮލެޖަކަށް ވުން ނުވަތަ އެފަދަ ރޭޓިންއެއްގެ ދަރަޖަ ކޮށްފައިވާ ޔުނިވާސިޓީއެއްގެ ޕްރޮގްރާމްތައް ހިންގާތާ ފަސް އަހަރުގެ ތަޖުރިބާ ލިބެން ޖެހެއެވެ. އަދި ޔުނިވާސިޓީތައް ބައިވެރިވާ ޖަމާއަތެއްގެ މެންބަރެއްގެ ގޮތުގައި އަދި ބައިނަލްއަގުވާމީ ކޮލިޓީ އެޝޫރަންސް ޖަމާއަތެއްގެ މެންބަރެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ހޭދަކުރަން ޖެހޭނެ ކަމަށް ބިލްގައި ބުނެފައިވެއެވެ.
ބިލްގައި ބުނެފައިވަނީ ބައިނަލްއަގުވާމީ ފެންވަރުގެ ރިސާޗް މަސައްކަތްތައް ބޭރުގެ ޔުނިވާސިޓީތަކާ އެކު ހިންގުމުގެ ތަޖުރިބާ ލިބިފައިވާން ޖެހޭނެ ކަމަށާއި ކޮލެޖްގެ އެކަޑެމިކް ޕްރޮގްރާމްތަކުގައި ކިޔަވައިދޭ މަދުވެގެން %10 އަކީ ޕީއެޗްޑީ ހާސިލް ކޮށްފައިވާ މުވައްޒަފުންނަށް ވާން ޖެހޭ ކަމަށެވެ. ޔުނިވާސިޓީ ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް ގާއިމްކޮށްފައި ހުންނަން ޖެހޭ ކަމަށް ވެސް ބިލްގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!