ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި މިއަދު ހެނދުނު އާޖެންޓީނާއާއި ޗިލީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުން އާޖެންޓީނާ ޖާގަ ހޯދައިފިއެވެ. މި މެޗު އާޖެންޓީނާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.

މެޗުގައި ފުރަތަމަ ހަމަލާ އުފެއްދީ އާޖެންޓީނާއިންނެވެ. ޗިލީގެ އޭރިއާ ބޭރުގައި ހުރެ މެސީ ފޮނުވާލި ބާރު ހަމަލާ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.

Ad
rt

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު މެސީ ތަނަވަސް ކޮށްދިން ފުރުސަތެއްގައި އާޖެންޓީނާގެ ފުލްބެކް، މޮލީނާ އަރިމަތިން އަރައި ފޮނުވާލި ބާރު ހަމަލާ ޗިލީގެ ކީޕަރ ބްރާވޯ ވަނީ މަތަކޮށްފައެވެ.

ޗިލީގެ އޭރިއާތެރެއިން ތަނަވަސްވީ ފުރުސަތުގައި އާޖެންޓީނާގެ ގޮންޒާލެޒް ފޮނުވާލި ނުރައްކާތެރި ބާރު ހަމަލާ ބޭރަށް ދިޔައީ ޗިލީގެ ކީޕަރު އަތުގައި ޖެހިފައި ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައެވެ

މެޗުގެ ދެވަނަ ހާފުގައި ޗިލީގެ އެޗެވޭރިއާ ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފައެވެ. އެ ދެހަމަލާގެ ހުރަހަކަށް ވީ އާޖެންޓީނާގެ ކީޕަރ މާޓިނޭޒްއެވެ

މެޗުގައި އާޖެންޓީނާއިން ޖެހި ހަމައެކަނި ލަނޑު 88 ވަނަ މިނެޓުގައި ޖަހައިދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ލައުޓާރޯ މާޓިނޭޒްއެވެ.

މިއީ ގްރޫޕް ސްޓޭޖުގައި އާޖެންޓީނާ ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި އާޖެންޓީނާއިން ވަނީ ކެނަޑާ ބަލިކޮށްފައެވެ. ދެ މެޗުން ލިބުނު ހަ ޕޮއިންޓާއިއެކު އާޖެންޓީނާއިން ވަނީ ދެވަނަ ބުރަށް ދަތުރު ކޮށްފައެވެ. މި ގްރޫޕްގެ ތިންވަނާގައި އޮތް ޗިލީއަށާއި ހަތަރުވަނާގައި އޮތް ޕެރޫއަށް ލިބިފައި ވަނީ ދެ މެޗުން އެންމެ ޕޮއިންޓެކެވެ.