ހދ. ހަނިމާދޫ ޒުވާނުންނާއި ވަރަށް ގާތް ގުޅުމެއް ބާއްވާ، އެރަށުގެ ކުޅިވަރަށް ޚިދުމަތް ކުރަމުން އަންނަ، އަހްމަދު ޖަލީލު (ޖައްލެ) ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބޭގޮތުގައި ޖައްލެ މިއަދު ނިދާ ނުތެދުވެގެން ބެލިއިރު އޭނާގެ އެއްވެސް ހަރަކާތެއް ނެތެވެ. އެހެންވެ އޭނާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައީއެވެ.

Ad
rt

ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް ޖައްލެ ނިޔާވެފައިވާ ކަމަށް އެރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ.

''ޖައްލެގެ ބޮޑު ބައްޔެއް ހުންނަކަން އިނގިފައެއްނެތް، ރޭގައި ބަނޑަށް ވައިގަނޑެއް އަރައިގެން އުޅޭވާހަކަ ބުނި، އަނެއްހެން ބައްޔަކަށް ބޭސްކައި ހަދާހެނެއް ވެސް ހިޔެއްނުވޭ،'' އޭނާގެ ބައެއް ގާތް ރަށްޓެހިން ބުންޏެވެ.

ޖައްލެ އަކީ މުޅި ހަނިމާދޫގެ ހުރިހާ އުމުރަކާއި ވެސް ގުޅޭ، ވަކި މީހަކާ މައްސަލައެއް ޖެހިގެންއުޅޭ މީހެއް ވެސް ނޫންކަމަށް އޭނާގެ އެކުވެރިން ބުންޏެވެ.

އުމުރުން 64ގެ ޖައްލެގެ ޖަނާޒާ އަށް މާލެގެންނަން މަސައްކަތްކުރަނުން އަންނައިރު ހަނިމާދޫގައި ދިރިއުޅޭތާ 15 ވަރަކަށް އަހަރުވެފައިވާ ޖައްލެ އަކީ މާލޭގެ ރައްޔިތެކެވެ.

ފާއިތުވި މުއްދަތުގައި ޖައްލެ ވަނީ ހަނިމާދޫގެ ކުޅިވަރަށް ވަރަށް ބޮޑު ޚިދުމަތެއްކޮށްދީފައެވެ. އޭގެ ތެރޭގައި ހަނިމާދޫ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާއި، މުބާރާތްތައް ރާވާ ހިންގުމުގައި ބައިވެރިވުމާއި ޒުވާނުންގެ ކުޅިވަރަށް އެކިގޮތްގޮތުން އެހީތެރިވުން ހިމެނެއެވެ.

ނިޔާވި އިރު ޖައްލެ އަންނަނީ ހަނިމާދޫގައި އަމިއްލަ ވިޔަފާރިއެއް ވެސް ކުރަމުންނެވެ.

ޖައްލެ ވަނީ ހަނިމާދޫގެ އިތުރުން ވެސް ބައެއް ރަށްތަކުގެ ފުޓްބޯޅަ ޓީމުގެ ކޯޗުކަން ވެސް ކޮށްދީފައެވެ. އަދި ގައުމީ ފެންވަރުގައި ވެސް ކުޅިވަރުގައި ޚިދުމަތްކޮށްފަވެއެވެ. އޭގެ ތެރޭގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގައި ޖައްލެ ކޮށްދީފައިވާ ޚިދުމަތް ފާހަގަކޮށްލެވެއެވެ.


މިކަމާއިގުޅިގެން ފުލުހުންގެ ޚިދުމަތުން ބުނީ ހަނިމާދޫގައި ކުއްޔަށް އުޅޭ މީހަކު (ޖައްލެ) ރޭ ކޮޓަރިއަށް ވަތްގޮތަށް ޚަބަރެއް ނުވާކަމަށް މިއަދު ލިބުނު މައުލޫމާތަކާއިގުޅިގެން ފުލުހުންގޮސް ކޮޓަރިއަށް ވަދެ ބެލިއިރު އޭނާ (ޖައްލެ) އެނދުމަތީގައި އޮތް ކަމަށެވެ. އަދި ރަށުގެ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އެމީހާ (ޖައްލެ) ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.