ބޮޑު ޢީދު ބަންދަށްފަހު 24 ގަޑިއިރަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މުޅި ރަންވޭ ބޭނުންކުރަން ހުޅުވާލަން ނިންމާފައިވާކަމަށް ރީޖަނަލް އެއަރޕޯޓްސް (އާރުސީއެލް) އިން ބުނެފިއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން 2460 މީޓަރުގެ ރަންވޭ އެއް ތަރައްގީކޮށްފައިވާއިރު މިވަގުތު ބޭނުން ކުރަމުން އަންނަނީ އޭގެ ތެރެއިން 1200 މީޓަރެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން އާރުސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީން ވިދާޅުވީ ރަސްމީކޮށް މުޅި އައު ރަންވޭ ބޭނުންކުރުމަށްވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރުވަމުންދާކަމަށާއި، މިހާރު ރަންވޭގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ.
''މިހާރު ރަންވޭގެ މަސައްކަތް އެއްކޮށް ނިމިފައިވަނީ. ޢީދު ބަންދަށްފަހު 24 ގަޑިއިރަށް މުޅި ރަންވޭ ބޭނުންކުރަން ހުޅުވާލުމުގެ މަސައްކަތް ކުރަމުން މި އަންނަނީ.'' މުބީން ވިދާޅުވިއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ރަންވޭގެ 1200 މީޓަރު ބޭނުން ކުރަން ފަށާފައި ވަނީ 28 ޖެނުއަރީ 2024 ގައެވެ.
މުބީން ވިދާޅުވިގޮތުގައި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާ ދެވަނަ ފިޔަވަހީގެ މަސައްކަތް ލަސްނުކޮށް ފެށުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަން ވެސް އާރުސީއެލް އިން ވަނީ ފާހަގަކޮށްފައެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2,460 ކިލޯ މީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމަރާތް ކުރުމަށް ވަނީ ނިންމާފައެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާ ކުރުމަށް ބޭނުންވާ އެހިނިހެން ވަސީލަތްތައް ވެސް ގާއިމު ކުރެވިގެންދާނެއެވެ. މި މަސައްކަތް ކުރަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްގެ ފަރާތުންނެވެ. މި މަޝްރޫއަށް 136.6 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) ހޭދަވާނެއެވެ.
މި މަޝްރޫއު ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވިގެން ދާނެއެވެ.
މަޝްރޫއަކީ ރާއްޖޭގެ އުތުރުގައި އިގްތިސާދީ މައި ހަބެއް ގާއިމުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިޔަށް ގެންދެވޭ މުހިއްމު މަޝްރޫއެކެވެ. މިގޮތުން އުތުރުގައި ރިސޯޓުތަކާއި، ސިޓީ ހޮޓަލާއި ގެސްޓްހައުސްތައް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް މި މަޝްރޫއުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!