އަހަރުގެ އަޟްޙާ ޢީދު (ބޮޑު އީދު)ގައި އެމަނިކުފާނާއި އަދި ދިވެހި ކޮންމެ ރައްޔިތަކުމެ އެންމެ އިސްކުރަނީ، ފަލަޞްޠީނުގެ އަހުލުވެރީންނަށް ހެޔޮ ދުޢާކޮށްދިނުންކަމަށް ރައީސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ، 1445 ވަނަ އަހަރުގެ އަޟްޙާ ޢީދުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

Ad
rt

ބޮޑު ޢީދުގެ މުނާސަބަތުގައި ރައީސް މިއަދު ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި އެންމެ ފުރަތަމަ އިސްކުރަށްވާފައިވަނީ ފަލަޞްޠީނުގެ އަހުލުވެރީންގެ މަތިން ހަނދުމަކުރެއްވުމެވެ.

މިގޮތުން މި އަހަރުގެ އަޟްޙާ ޢީދުގައި އެމަނިކުފާނާއި އަދި ދިވެހި ކޮންމެ ރައްޔިތަކުމެ އެންމެ އިސްކުރަނީ، މުސްލިމުންގެ މުޤައްދަސް މިސްކިތާއި، އެތައް ނަބީ ބޭކަލެއްގެ ލޮބުވެތި ވަޒަންކަމުގައިވި ފަލަޞްޠީނުގެ އަހުލުވެރީންނަށް ހެޔޮ ދުޢާކޮށްދިނުންކަމަށް އެމަނިކުފާނު ޚިޠާބު ފައްޓަވަމުން ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނީ، ފަލަޞްޠީނުގެ މުސްލިމުންނަށް ދެމުންގެންދާ ބޮޑެތި އަނިޔާތަކާ ދެކޮޅުހަދައި، މަސްޖިދުލްއަޤްޞާ މިނިވަންކުރުމުގެ މަތިވެރި ޖިހާދުގައި ހިތާއި ރޫޙުން ބައިވެރިވެ، ސަހަރޯވެރިވުމުގައިކަމަށެވެ..

''ދިވެހީންގެ ހިތްތަކުގައި ޚާއްޞަ ލޯތްބަކާ ކުލުނެއް ދެވިފައިވާ ފަލަޞްޠީނުގެ މުސްލިމް ކޮންމެ ޢާއިލާއަކާ، ކޮންމެ ކުޑަކުއްޖަކަށްޓަކައި ހެޔޮ ދުޢާތައް ތަކުރާރު ނުކޮށް، އެ ހަނދާންތައް އައުނުކޮށް، އެންމެ ރެޔަކާ ދުވާލެއްވެސް އަޅުގަނޑުމެން ދުލެއް ނުކުރާނަން'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސްގެ ޚިޠާބުގައި ވަނީ ބަރަކާތްތެރި އަޟްޙާ ޢީދު އަޅުގަނޑުމެންނާ ބައްދަލުކުރަނީ ޙައްޖުގެ މަތިވެރި އަޅުކަމާ، ޢަރަފާތު ދުވަހުގެ އިމެއް މިނެއްނެތް ރުއްސެވުމާ ފުއްސެވުމަށްފަހުގައިކަން ފާހަގަކުރަށްވާފައެވެ. އަދި ކީރިތި ޤުރުއާނުގައި އެ 10 ރެއެއްގެ މާތްކަން ގަންދެއްވައި މާތްﷲ ހުވައިގެ ބަސްފުޅު ވަޙީކުރައްވާފައިވާ ޙައްޖުމަހުގެ ފުރަތަމަ 10 ރޭ ނިމުމާއެކުއިކަމަށް ވެސް ވިދާޅުވިއެވެ.