މާލޭގެ މަގުތަކުގައި އާންމު ދަތުރުފަތުރަށް އުނދަގޫވާ ގޮތަށް ޕާކްކޮށްގެން މިދިޔަ ދެ ދުވަހުގެ ތެރޭގައި 163 ވެހިކަލް ޓޯކޮށްފިއެވެ.

ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ޓޯ ކުރީ ހަތަރު ފުރޮޅުލީ ވެހިކަލްތައް ކަމަށެވެ. އޭގެ ތެރޭގައި ގިނައީ ވެސް ކާރެވެ.

Ad
rt

ފުލުހުން ބުނީ ބޮޑުތަކުރުފާނު މަގު ކަޅުތުއްކަލާ ކޮށި ކައިރިން ފަތާ ޓްރެކާ ހަމައަށް ޕާކުކޮށްފައި އޮތް 84 ވެހިކަލް ނަގާފައިވާ ކަމަށެވެ. އަދި އަމީނީ މަގު ދަރުބާރުގެއާ ހިސާބުން ފެށިގެން ބޮޑު ތަކުރުފާނު މަގުން އައިޖީއެމްއެޗްއާ ހަމައަށާއި ބޮޑުތަކުރުފާނު މަގު ސެނެހިޔާއާ ހިސާބުން ފެށިގެން މާގިރި ހޮޓެލްއާ ހަމައަށް ހިމެނޭ ގޮތުން، އިއްޒުދީން މަގު ބަސް ސްޓޮޕް ކައިރި ހުސްކޮށް 79 ވެހިކަލް ނެގި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ އާއްމު ދަތުރުފަތުރަށް ދަތިވާ ގޮތަށް ވެހިކަލްތައް ޕާކް ނުކުރަން އެދިފައެވެ.

ކާރު ފަދަ ހަތަރު ފުރޮޅުލީ ވެހިކަލްތައް ޕާކްކުރުން ހުއްޓުވަން މާލޭގެ އެކި ހިސާބުތަކުގައި ބޮލާޑް ނުވަތަ ޕާކް ނުކުރެވޭ ގޮތަށް ދަގަނޑު ޖެހުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ.

މާލޭގެ އެކި ހިސާބުތަކުގައި ބޮލާޑް ޖަހަން ފެށިއިރު، މަގުމައްޗާއި ދުވާރު މަތީގައި ގަވައިދާ ހިލާފަށް ޕާކް ކުރުމުގެ މައްސަލަ އިންތިހާ އަށް ވަނީ ބޮޑުވެފައެވެ. އެހެންވެ، އާންމުން ހިނގާބިނގާވެ އުޅުމަށާއި ވެހިކަލް ދުއްވުމުގައި ބޮޑެތި ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.