ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ޕީއެސްއެމް އިން އިސް ނަގައިގެން ބައެއް މީޑިއާތަކާ ގުޅިގެން ހާއްސަ ޓެލެތޯނެއް މިއަދު ފަށައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ބޭއްވި މި ޓެލެތޯން ފައްޓަވައި ދެއްވީ ޓީވީއެމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެމަނިކުފާނެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ވަޒީރުންނާއި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންނާއި ޗެއާމަނުންނާއި ސަރުކާރުގެ އިސް ބައެއް މަގާމުތަކުގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޓެލެތޯނަށް އެހީތެރިވުމުގެ ގޮތުން ކޮންމެ ބޭފުޅަކު ވެސް ސިޓީއުރައެއްގައި ފަންޑު ފޮއްޓަށް ފައިސާގެ އެހީތެރިކަން ފޯރުކޮށް ދެއްވައިފައެވެ.
މި ޓެލެތޯން މިރޭ 12:00 އާ ހަމައަށް ކުރިއަށް ގެންދާނެއެވެ. ފަލަސްތީޠީނަށް އެހީވުމަށް ބާއްވާ ޚާއްސަ ޓެލެތޯނުގައި މާލެ ސަރަހައްދުގައި 13 ފަންޑު ފޮށި ވަނީ ބަހައްޓައިފައެވެ.
މި ފަންޑު ފޮށިތަކުގެ ތެރެއިން ޓީވީއެމް ގޯތިތެރޭގައި ހުރި ފަންޑު ފޮށި ފިޔަވައި އެހެން ހުރިހާ ފޮއްޓެއް އިރު އޮއްސެންދެން ހުންނާނެއެވެ. ޓީވީއެމް ގޯތިތެރޭގައި ހުރި ފަންޑުފޮށި މިރޭ 10 ޖަހަންދެން ހުޅުވިފައި ހުންނާނެއެވެ. އަދި ފަންޑު ފޮށިތަކުގެ ރައްކާތެރިކަމަށްޓަކައި ފޮށިތައް ހުންނަ ސަރަހައްދުތަކުގައި ފުލުހުންނާއި ގާލް ގައިޑް އަދި ސްކައުޓުން ހަރަކާތްތެރިވާނެއެވެ.
ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށް ވެސް ފަސޭހައިން އޮންލައިންކޮށް ވެސް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ދެ އެކައުންޓެއްވަނީ ހުޅުވާފައެވެ. އެގޮތުން ފައިސާ ޖަމާކުރެވޭނީ ދިވެހި ފައިސާއިންނަމަ 7730000655865 އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!